ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މި އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ. މިއީ ފާއިތުވި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ރައީސް މުޢިއްޒު ޕާކިސްތާނުގެ ލީޑަރުންނާއެކު ގިނަ ދާއިރާތަކަކުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި، މި ދަތުރުފުޅުގެ ތެރެއިން ގާތްގަނޑަކަށް 12 އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ. މީގެ ތެރޭގައި އަސްކަރީ އެއްބަސްވުންތައް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.
މި ބައްދަލުވުންތަކުގައި ސަރަހައްދީ ކަންކަމާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާ ކުރާނެ އެވެ. މީގެ އިތުރުން، ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަލުން ހަރަކާތްތެރިކުރުމާ ގުޅޭގޮތުން ވެސް މި ދަތުރުފުޅުގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ރާއްޖޭގެ ރައީސަކު އެންމެ ފަހުން ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނ އަހަރުގެ މޭ މަހުގަ އެވެ.