ސްވިމިންގ ޓްރެކް ފަދަ ތަންތަނަކީ މާލެ ސިޓީ ކައުންސިލް ބެލުމުގެ ދަށުގައި ހުންނަން ޖެހޭ ތަންތަން ނަމަވެސް ސަރުކާރުން ދަނީ އެތަންތަން ސިޓީ ކައުންސިލަށް ހަވާލު ނުކޮށް ހަލާކު ކުރަމުން ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

މާލެ ސްވިމިންގ ޓްރެކް ސަރަހައްދަށް ވަޑައިގެން އެތަނުގައި ތިއްބެވި ފަރާތްތަކާއި ބައްދަލުކުރެއްވުމަށްފަހު މޭޔަރު އާޒިމް ވަނީ ސްވިމިންގ ޓްރެކް ބެލެހެއްޓުމުގެ ޖާގަ ދެއްވުމަށް ސަރުކާރުގައި އެދިވަޑައިގެންފައި އެވެ. އަދި ސަރުކާރުން ދަނީ އެތަން ނުބަލަހައްޓައި ހަލާކު ކުރަމުން ކަމަށް އާޒިމް ތުހުމަތު ކުރެއްވި އެވެ. 

މާލެ ސްވިމިންގ ޓްރެކަކީ ކުޑަކުދިން އާންމު ގޮތެއްގައި އެރި އުޅޭ ތަނެއްކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ، ޓްރެކް ހުރީ ފަޅަފަޅައިގެން ގޮސް ކުދިންނަށް ބޮޑެތި އަނިޔާތައް ވާފަދަ ގޮތަކަށް ކަމަށެވެ. 

މާލެ ކަހަލަ ރާއްޖެ ކަހަލަ ފެތުމަށް ޝައުގުވެރިކަން ގިނަ ތަނެއްގައި މިކަހަކަ ހާލަތުގައި މާލެ ސިޓީ ކަންކަން ހުރުމަކީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް. މިއީ އަޅުގަނޑުމެން މި ބުނާ ވާހަކައަކީ ކަމެއް ނުކުރެވޭ ހާލުގައި ހުރިހާ ކަމެއް ބައްކޮށްގެން އުޅެގެން މިކަމެއް ނުވާނެ. މާލެގައި ކަމެއް ކުރަނީކީ ނޫން ވިލިމާލޭގައި ކަމެއް ކުރަނީކީ ނޫން ހުޅުމާލޭގައި ކަމެއް ކުރަނީކީ ނޫން އެކަމު ބައްކޮށްގެން ތިބެން ޖެހެނީ. 
އާދަމް އާޒިމް 

މޭޔަރު އާޒިމް ވިދާޅުވީ މިކަންތައްތަކަށް ހައްލު ހޯދައިދިނުމަށް އެމްޑީޕީ ސަރުކާރެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރެގިއުލާކޮސް މިފަދަ ތަންތަން ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްދީ ދާއިމީ ހައްލެއް ހޯދަވައިދެއްވާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.