މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފި އެވެ.
ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމަށާއި، އިންފްރާސްޓްރަކްޗަރގެ ޚިދުމަތް ދިނުމަށާއި އެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކުގައި އެ ކަމާކާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށްޓަކައި އެ ބިންތައް ކައުންސިލްގެ އިޚްތިސާސުން ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި ބިންތައް ނަގަން ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރިކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 56-2 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ނަގަން ނިންމާފައިވާ ބިންތަކުގެ ތެރޭގައި ހިމެނެނީ ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު، މަސް މާރުކޭޓު، މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު، ލޯކަލް މާރުކޭޓު، މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން، ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް، ކާނިވާ ސަރަހައްދު، އާޓިފިޝަލް ބީޗު، މަސްވެރިންގެ މައިޒާން، ތައިސޭ ކޮށި، ކުލީ ފާޚާނާ ނަންބަރު 2، ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން، ބޮނޑިބަތް ޕާކު، އަދި ރަސްފަންނެވެ.
އެ ބިންތަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން ޚިޔާލެއް ނުވަތަ ޝަކުވާ ހުށަހެޅުމަށް އެއްވެސް ފަރާތަކުން ބޭނުންވާނަމަ ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް ވެސް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަނީ އެދިފަ އެވެ.