މިސަރުކާރުގެ އެއްވެސް ވިޔަފާރި ސިޔާސަތެއް ނެތް ކަމަށާއި، ސަރުކާރުން އުޅެނީ ހިތައް އެރިހާ އެއްޗެއް ވިއްކައިގެން ފައިސާ ހޯދަން ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު އާޒިމް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުން އަޑުއެއްސެވުމަށްފަހު އެވެ. އެގޮތުން މޭޔަރު އާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ޕާކިން ބިލްޑިންގތައް އަޅަން ހަވާލުކޮށްފައިވާ ފަރާތްތަކަކީ އެކަން ކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކެއް ނޫން ކަމަށެވެ. އަދި ޕާކިންގ ބިލްޑިންގ އަޅަން ދީފައިވާ ބައެއް ބިންތަކަކީ ސިޓީ ކައުންސިލް ބިންތަކެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.  

މޭޔަރު އާޒިމް ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެމްޑީޕީގެ ސިޔާސަތަކަށް ނުވާނެ ކަމަށެވެ. 

މީގެ 60 އަހަރު 70 އަހަރު ކުރިއަށް މިހާރު ސަރުކާރު ގޮސްގެން މިއުޅެނީ. އެހެންވީމަ އެއްވެސް ސިޔާސަތެއް ނެތް މި މީހުންގެ ވިޔަފާރީގެ ސިޔާސަތެއް ނެތް. ހިތައް އަރާ ކޮންމެ އެއްޗެއް ވިއްކައިގެން ލާރި ކޮޅު ހޯދަން އުޅޭ ފާޑަކަށް މި މީހުން މި އުޅެނީ 
އާދަމް އާޒިމް 

އާޒިމް ވިދާޅުވީ ސަރުކާރުން ތައާރަފް ކުރި ޓެކްސީ ލައިންގެ ސަބަބުން އެއްވެސް ރައްޔިތަކަށް ވީ ފައިދާއެއް ފެންނަން ނެތް ކަމަށެވެ. އަދި ޓެކްސީ ލައިން ފެށުމުގެ ކުރިން ފަސޭހައިން ޓެކްސީ ލިބޭނެ ކަމަށް ބުނި ނަމަވެސް ގުޅައި ގުޅާ ހަންވާއިރު ވެސް ޓެކްސީ ނުލިބޭ ކަމަށް އާޒިމް ވިދާޅުވި އެވެ. 

މީގެ އިތުރުން އާޒިމް ވަނީ ސަރުކާރުން ކުރަން ޖެހޭނީ އާންމު މީހުންނަށް ނުކުރެވޭ ވިޔަފާރިތައް ކަމަށް ވިދާޅުވެފަ އެވެ.