ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ފައިސަލް ވިދާޅުވީ، ދަތަރުފަތުރުގެ ކަންކަމަކީ އެންމެ އާންމު މީހާއާ ގުޅިފައިވާ ކަންކަން ކަމަށެވެ. އަދި 2028 ގައި އެމްޑީޕީގެ ވެރިކަމެއް އަންނައިރު ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވަން ބޭނުންވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ފައިސަލް ވަނީ އެމްޑީޕީގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ޕާކިންގ މައްސަލައަށް ހައްލު ހޯދައިދިނުން ކަމަށެވެ.

ޕާކިންގ ބިލްޑިންގތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭފުޅުންނަށް ހަމަ ދަންނަވާލަން ބޭނުން އަޅުގަނޑުމެންގެ ހަމަ ސަރުކާރެއްގައި އެނގޭތޯ އެންމެ ފުރަތަމަ ވެސް ކުރާނީ އެ މަސައްކަތް. ތަނެއް ދައްކަން އެބަ ޖެހޭ ކޮންމެވެސް ވަރަކަށް. މީގެ ކުރިން ވެސް ކޮންމެވެސް ވަރަކަށް އެ މަސައްކަތް ކުރެވުނު. ދެން ހަމައެއާއެކު ސަރުކާރުން މި ވިޔަފާރިތެރެއަށް ވަނުން އެއީ ހަމަ ގައިމު ވެސް އަޅުގަނޑު އެހާ ބަލައިގަންނަ ކަމެއް ނޫން
ފައިސަލް ނަސީމް 

ސަރުކާރުން އާންމުންގެ ވިޔަފާރިތަކުގެ ތެރެއަށް ވަނުމުން އާންމުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

މީގެ އިތުރުން ފައިސަލް ވިދާޅުވީ، އެމްޑީޕީ ސަރުކާރެއްގައި ބަލާނީ އާންމު ރައްޔިތުންނާއި ޓެކްސީ ޑްރައިވަރުންނަށް ވީހާވެސް ފަސޭހަގޮތަކަށް ކަންތައްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދެވޭތޯ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.