އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް ހުސެއިން ވަކިކޮށްފި އެވެ.
ބުދަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބުނީ، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން، މއ. ވޭސައިޑް 304 ފްލެޓް، މުހައްމަދު އަފީފް ހުސެއިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރި ވަކި ސަބަބެއް ޕީސީބީން ހާމަކޮށްފައެއްނުވެ އެވެ.
ފެނަކައިގެ އެމްޑީގެ މަގާމަށް އޭނާ އައްޔަނުކުރެވުނީ 27 އެޕްރީލް 2026 ގަ އެވެ. އޭނާއަކީ މި ސަރުކާރުގައި ފެނަކަ ހިންގުމާ ހަވާލުވެވަޑައިގެންނެވި 3 ވަނަ އެމްޑީ އެވެ. މީގެ ކުރިން މުއާޒު މުހައްމަދު ރަޝީދު އަދި މުހައްމަދު ނަޖާހު އެ މަގާމު ފުރުއްވި އެވެ.
ފެނަކައިގެ އެމްޑީ މަގާމުން އަފީފް ވަކިކޮށްފައި މިވަނީ، ސަރުކާރުން ފެނަކައިގެ އެންމެހައި މަސައްކަތްތަކާއި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
ފެނަކައިގެ އިތުރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ 7 ސެޕްޓެމްބަރު 2026 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.