އިސްރާއީލުން
ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާފައިވާ ބިންތަކުގައި ކަމަށާއި،
މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކެއްގައެއް ނޫންކަމަށް ވިދާޅުވެ، ރަސްމާލޭގެ
މަޝްރޫއު ހައުސިންގ މިނިސްޓަރުު ޑރ. އަބްދުﷲ މުއްތޮލިބް ދިފާއު ކުރައްވައިފި އެވެ.

މި
މަޝްރޫއާ ގުޅޭގޮތުން ލިޔުއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއާ
މެދު އާންމުންގެ މެދުގައި އޮތް މައިގަނޑު ކަންބޮޑުވުންތަކަކީ އެތަނުގެ އަގާއި ނުވަތަ
ކުއްޔަށް ދޫކުރާ އުސޫލުތަކާ ގުޅޭ ކަންކަމެއް ނޫން ކަމަށާއި، އެއީ ފަލަސްތީނާ ގުޅިފައިވާ
ކަންބޮޑުވުންތަކެއް ކަމަށެވެ. އެގޮތުން ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ފަލަސްތީނުގެ
ރައްޔިތުން އުފުލަމުންދާ ތަހައްމަލުތަކާއި، މިއަދުވެސް އެ ރައްޔިތުން ކުރިމަތިލަމުންދާ
އިސްތިއުމާރީ އަނިޔާވެރިކަމާއި، ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ
އަމަލުތަކާ މެދު ކޮންމެ ދިވެއްސަކުވެސް ފުންކޮށް އިހުސާސް ކުރާކަން މިނިސްޓަރު
ފާހަގަ ކުރެއްވި އެވެ.  

މިނިސްޓަރުު
ވިދާޅުވި ގޮތުގައި ރަސްމާލެއަކީ ޒަޔަނިސްޓުން ވަޒަންވެރިވުމަށް ލިބޭ ފުރުސަތަކަށް ވެދާނެ
ކަމަށް ބުނެ ބިރު ފެތުރި ނަމަވެސް، މިއީ ކަން ހިނގާ ގޮތެއް ނޫނެވެ. އެގޮތުން ޒަޔަނިޒަމަކީ
ތާރީޚީ ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ބިނާކުރުމުގެ މަޝްރޫއެއްކަމަށް
ވިދާޅުވެ މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެމީހުންގެ ވަޒަންވެރިކުރުވުމުގެ ޕްރޮގްރާމްތައް
ފަރުމާކޮށްފައިވަނީ އެހެން ގައުމުތަކުގައި ތިބި ޔަހޫދީން އިސްރާއީލަށް ގެނައުމަށް
ކަމަށާއި، އެމީހުން އެހެން ގައުމުތަކަށް ފޮނުވުމަކަށް ނޫން ކަމަށެވެ.

މީގެ
އިތުރުން، އިސްރާއީލުން ވަޒަންވެރިވުން ފުޅާކޮށްފައިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން
ހިފާފައިވާ ބިންތަކުގައި ކަމަށާއި، އަމިއްލަ ބޯޑަރާއި، ވިސާ އަދި ބިން ކޮންޓްރޯލްކުރާ
މިނިވަން މުސްތަގިއްލު ގައުމެއްގައި، ބޭރުގެ ފަރާތްތަކުން ޗުއްޓީ ހޭދަކުރާ ގެތަކެއް
ނުވަތަ ކުއްޔަށް ހިފާ ބިންތަކެއް މެދުވެރިކޮށް މިފަދަ އިސްތިއުމާރީ ހިފުމެއް ހިނގާފައިވާ
ކަމުގެ އެއްވެސް ރިޕޯޓެއް ދުނިޔޭގެ އެއްވެސް ތަނަކުން ފެންނާކަށް ނެތްކަމަށް
މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު
ވިދާޅުވާ ގޮތުގައި މި މަޝްރޫއާ އިދިކޮޅަށް ވާހަކަދައްކާ ފަރާތްތަކުން ދަނީ އެއްވެސް
އަސާސެއް ނެތް ބިރުވެރިކަން ފަތުރަމުންނެވެ. އެގޮތުން އެ އެފަރާތްތަކުން ފަލަސްތީނުގެ
ރައްޔިތުންގެ ބަހެއް ނެތި، ސިޔާސީ މަންފާ ހޯދުމަށްޓަކައި ފަލަސްތީނުގެ ޖިހާދާއި ދިވެހިންގެ
ޖަޒުބާތުތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި
އެވެ.

މީގެ
އިތުރުން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މި ސަރުކާރުން އިސްރާއީލު
ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު
ވިދާޅުވީ، އެކަން ކުރި ސަރުކާރަކުން ބިމުގެ
މުއާމަލާތެއްގެ ތެރެއިން ސިއްރިއްޔާތުގައި އެ އުސޫލުތައް މުގުރާލާނެ ކަމަށް ބުނުމަކީ
ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށެވެ.

އަދި އީގަލް
ހިލްސް ކުންފުނިންވެސް މި އުސޫލުތަކަށް ބޯލަނބާނެ ކަމަށް ރަސްމީކޮށް އެއްބަސްވެފައިވާކަމަށް
މިނިސްޓަރު ވިދާޅުވި އެވެ.

އިސްރާއީލު ޕާސްޕޯޓު މަނާކުރިނަމަވެސް، މި މަނާކުރުން އޮތީ އިސްރާއީލު ޕާސްޕޯޓަށް ކަމަށާއި، އިސްރާއީލުގެ
ރައްޔިތުންނަކަށް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަންދާޒާކުރެވޭ
ގޮތުގައި އިސްރާއީލުގެ ކޮންމެ 10 މީހަކުން އެކަކީ ދެވަނަ ގައުމެއްގެ ރައްޔިތުކަން އޮންނަ
މީހެއް ކަމަށާއި، ބޯޑަރުން މީހަކު އެތެރެވާއިރު އެމީހެއްގެ އަތުގައި ދެ ގައުމެއްގެ
ރައްޔިތުކަން އޮތްތޯ އިމިގްރޭޝަނަށް ކަށަވަރު ނުކުރެވޭތީ، އެމީހުންނަށް އެހެން ގައުމެއްގެ
ޕާސްޕޯޓުގައި އެތެރެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިނިސްޓަރު
އިތުރަށް ވިދާޅުވީ، ރަސްމާލޭގެ މުޅި މިލްކުވެރިކަމުގެ ސިލްސިލާގައި އިސްރާއީލުގެ އެއްވެސް
ރައްޔިތަކަށް ނުވަތަ އިސްރާއީލުގެ ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް ބައިވެރިއެއް
ނުވެވޭނެ ކަމަށެވެ. އެގޮތުން ގަންނަ ފަރާތެއްގެ
ގޮތުގައި، މަންފާ ލިބޭ މާލިކެއްގެ ގޮތުގައި، ހިއްސާދާރެއްގެ ގޮތުގައި، ފައިސާ ފޯރުކޮށްދޭ
ފަރާތެއްގެ ގޮތުގައި ނުވަތަ ސޭލްސް އޭޖެންޓެއްގެ ގޮތުގައި ވިޔަސް ބައިވެރި
ނުވެވޭނެކަމަށް މިނިސްޓަރުު ވިދާޅުވި އެވެ.