މަގުބޫލުކަން ގެއްލިފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދާ މަންޒަރު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ފެންނަމުންދާ ކަމަށެވެ.

އެގޮތުން ޑޮލަރުގެ އަގު އަދިވެސް ހުރީ 22.50 ރުފިޔާގައި ކަމަށާއި، އަގު ތިރިނުވެ މައްޗަށް ދިއުމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މާލިއްޔަތާއި އިގްތިސާދާ ގުޅޭގޮތުން ގެންގުޅެންޖެހޭ ސިޔާސަތުތައް ސަރުކާރަށް ކުޑަކޮށްވެސް އެނގިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމަށާއި ޓީޓީ ހެދުމަށް ޑޮލަރު ނުލިބި ތާށިވެ، ވިޔަފާރިތަކުގެ ފައިދާ ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތާ މެދު ސަރުކާރުން އަޅަމުންދަނީ އެއްވެސް ވިސްނާލުމެއް ނެތް ފިޔަވަޅުތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ދިވެހިރާއްޖެ މިއަދު މި ވަނީ ވަރަށް ނުރައްކާތެރި ފަށްތަރެއްގައި. ދިވެހިރާއްޖޭގެ އިގްތިސާދު ހަލާކުވުމުގެ މަގުމަތީގައި ދަމުންދާތަން. ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެބަ ފެނޭ. ޑޮލަރުގެ އަގު ހުރީ އަދިވެސް 22.50 ރުފިޔާގަ. އަގެއް ތިރިއެއް ނުވޭ. ޑޮލަރުގެ އަގު މައްޗަށް އަރަމުންދާތީވެ، އަޅުގަނޑުމެންގެ ބާޒާރުގައި ހުރި ތަކެތީގެ އަގު މި ދަނީ އުފުލެމުން. މާލިއްޔަތާއި އަދި އިގްތިސާދު މި ކަންކަމާ ގުޅޭގޮތުން ގެންގުޅެންޖެހޭ ސިޔާސަތުތައް. ކުޑަކޮށްވެސް އެނގިވަޑައިނުގަންނަވާތީވެ، މި މަގުބޫލުކަން ގެއްލިފައިވާ ޑރ. މުއިއްޒުގެ ނާގާބިލު ސަރުކާރު މި ގެންދަނީ އަޅުގަނޑުމެން ދިވެހީން އަނދަވަޅަކަށް ކަނު ބަނދެވިތިބެ އަނދަވަޅަކަށް ގެންދިއުމަށް
މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ، ދަރަނި އަދާކުރުމުގައި ރޭވުންތެރިކަމެއް ނެތް ކަމަށާއި، ދައުލަތުގައި ހުރި ހުރިހާ ޑޮލަރެއް ދަރަނި ދެއްކުމަށް ހޭދަކޮށް ހުސްކޮށްލާފައިވާ ކަމަށެވެ. އަދި ދެން ޑޮލަރު ހޯދުމަށް ސަރުކާރުން ކުރާ ކަންކަމަކީ މުނާފިގު އަދި ދެފުއްކެހެރި އަމަލުތަކެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވި އެވެ.

މީގެއިތުރުން، ވެރިކަމަށް އައުމުގެ ކުރިން ގައުމިއްޔަތާއި ދިދައާއި ވެލިފުކުގެ ވާހަކަ ދައްކައި، އެމްޑީޕީ މެންބަރުންނަކީ ލާދީނީ އަދި ފަރަންޖީން ކަމަށް ބުނެ ރައްޔިތުންނަށް ދޮގުހެދި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތަށް ވާހަކަދެއްކުމަށްފަހު، ރަސްމާލެއަށް ދިގު މުއްދަތަކަށް ވާނުވާ ނޭނގޭ ގޮތަށް އީގަލް ހިލްސް  ދީފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މިފަދަ ކަންކަމުގައި އަމަލުކުރަމުންދާ ގޮތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.