ސަރުކާރުގެ ނާގާބިލުކަމުން ވައްޓާލި އިގްތިސާދީ އަނދިރި އަނދަވަޅުން އަރައިގަތުމަށްޓަކައި އެންމެ ފުރަތަމަ ވެސް އަތްބޭނީ ރާއްޖޭގެ ރިސޯޓުތަކަށާއި އެތަންތަނުގައި މަސައްކަތްކުރާ އެތައް ހާސް މުވައްޒަފުންގެ ޖީބަށް ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އައިކް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އަލިފާނުގެ ތެރެއަށް އެއްލާލީ ސަރުކާރުގެ އަމިއްލަ އަތުން ކަމަށާއި މިއީ ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ. އަދި އަމިއްލައަށް ފުންމާލި އަނދިރި އަނދަވަޅުން އަރައިގަންނަން އުޅެނީ ރިސޯޓުތަކާއި އެތަނުގެ މުވައްޒަފުންގެ ޖީބަށް އަތްބާނައިގެން ކަމަށް ވިދާޅުވެ، މިއީ ރިހޭ ފައިމައްޗަށް ފޮއެއް ވެއްޓުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މީގެ އިތުރުން އައިކް ވިދާޅުވީ، 2024، 2025 އަދި 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު އެއްކޮށް ޚަރަދުކޮށްލީ ދެ ކަމެއް ހާސިލުކުރުމަށް ކަމަށެވެ.

އެއީ ރަސްމާލެއަށް ފަސްއެޅުމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި އެ މީހުންގެ އާއިލާތަކަށް މުސާރަ ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ވާނެ، ފައިސާއެއް ވަންނާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމަށް އައިކް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލުތައް އުވާލީ ވެސް ހަމަ އެ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހުރި ފަޅު ރަށްތަކަށް ދަހިވެތިވެގެން. ސިޓީ ކައުންސިލާއި އަދި ރަށު ކައުންސިލުތަކުގެ ބާރު ކަނޑުވާލަން އެ މަސައްކަތްކުރަނީ ވެސް އެ ކައުންސިލުތަކަށް ލިބެމުންދާ ބްލޮކް ގްރާންޓް އެންމެ ފަސް ޕަސެންޓް، އެ ފަސް ޕަސެންޓް ސަރުކާރުގެ ބާރުދަށަށް ގެންނަން ވެގެން. ސަރުކާރުން ހީކުރަނީ މި ކަހަލަ މިފަދަ ބޯގޯސް ސިޔާސަތު ބޭނުންކޮށްގެން މި އަނދަވަޅުން އަރައިގަނެވިދާނެ ކަމަށް ކަމަށް. އަރައެއް ނުގަނެވޭނެ
އައިކް އަހުމަދު އީސާ

އައިކް ވިދާޅުވީ މި އަނދަވަޅުން އަރައިގަތުމަށް މިހާރުން މިހާރަށް ވެސް ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ބޭކާރު ސިޔާސީ މުވައްޒަފުން ވަކިކޮށް، ފައިދާއެއް ނެތް ގެއްލުންހުރި މަޝްރޫއުތައް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އެކަން ނުކުރެވޭނަމަ މިހާރުން މިހާރަށް އިސްތިއުފާދީ، މިކަން ކުރަން އެނގޭ ބަޔަކާ ހަވާލުކުރުމަށް ވެސް އައިކް ގޮވާލެއްވި އެވެ.