އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އަޅާ ތިލަމާލެ ބްރިޖުން ހަގީގީ ފައިދާ ނެގޭނީ ކުރީ ސަރުކާރުން މާލޭ ސަރަހައްދުން ދޫކުރި ފްލެޓްތަކާއި ގޯތިތަކުގައި މީހުންނަށް ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދީގެން ކަމަށާއި، އެހެން ނޫންނަމަ އެ ބްރިޖު އޮންނާނީ ހަމައެކަނި ލޮރީ ދުއްވަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވިސްނުމަކީ ތިލަމާލެ ބްރިޖަކީ ހަމައެކަނި ފެށުމެއް ކަމުގައި ބަލައި، ގުޅީފަޅާއި ތިލަފުށީގެ އިތުރުން އުތުރުތިލަފަޅާ ހަމައަށް ވެސް ދަތުރުކުރެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި ބޮޑު ޚަރަދެއް ކޮށްގެން ތަރައްގީކުރާ އެފަދަ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފޭނީ ރައްޔިތުން އެ ތަންތަނުގައި ހަމަޖެހިލައިގެން ދިރިއުޅެ، އެ މީހުންގެ މަންޒިލަށް ވާސިލުވެވޭނެ އިންތިޒާމު ހަމަޖެހިގެން ކަމަށް ފައިސަލް ވިދާޅުވި އެވެ.

މިފަދަ ބޮޑު ޚަރަދެއް ކޮށްފައި ކުރަންނުޖެހޭ ވަގުތެއްގައި. އެހެންނަމަވެސް، އެ ފައިސާއަކީ އެމްޑީޕީގެ ނިމިގެންދިޔަ ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި، ދިވެހި ރައްޔިތުންނަށް ދީފައި ހުރި ފްލެޓްތަކާއި އަދި ގޯތިތަކާއި، ގޯތިތަކުގައި އުޅެވޭނެ ގޮތްތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެންނަށް ޚަރަދުކުރި ނަމަ، މިއަދު މި އަޅާ ބްރިޖު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ތިލަމާލެ ބްރިޖު އޭގެވެސް ފައިދާ ނެގުނީސް. މިހާރު ބްރިޖެއް އަޅާފައި އެ ބްރިޖު އޮންނަންވީ ހަމައެކަނި ލޮރީ ދުއްވަން އެތައް ދުވަހެއް ވަންދެން. ނޫނީ ގާޑިޔާ ދަމަން ބާއްވަންވީ
ފައިސަލް ނަސީމް

ނަމަވެސް މިހާރު ކަންކަން ދަނީ އެ މަގުން ނޫން ކަމަށް ވިދާޅުވެ ފައިސަލް ވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން އެފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުންތައް ކުއްލި ގޮތަކަށް މަދު ބަޔަކު ތިބެގެން ނިންމާލީ ކަމަށާއި، ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއުގައި ވާނުވާ ނޭނގޭ  ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ބިލިއަން ޑޮލަރުގެ މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ބަހެއް ހޯދައި މަޝްވަރާކުރަން ޖެހޭ ކަމަށާއި، މިވަގުތަށް ގައުމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.