ސަރުކާރުން
ބޭރުގެ ކުންފުންޏަކަށް ފުށިދިއްގަރުފަޅުން ބޮޑު ބައެއް ދީގެން ހިންގާ މަޝްރޫއާ ގުޅޭގޮތުން
ހުރި ކަންބޮޑުވުންތައް ހާމަކޮށް، އެ މަޝްރޫއުގެ އެއްބަސްވުމުގެ ތަފްސީލުތައް އާންމުކުރުމަށް
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފި
އެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ،
ބޯހިޔާވަހިކަމުގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ދަށުން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް
ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ނިންމާފައިވާ މުއާމަލާތުގައި ސަރުކާރުން އަމަލުކުރަމުންދާ
ގޮތާމެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެމްޑީޕީން
ބުނި ގޮތުގައި ބޭރުގެ އިންވެސްޓަރުންނަށް އެ ޕާޓީން އަބަދުވެސް މަރުހަބާ ކިޔާނެ އެވެ.
ނަމަވެސް، އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން އެ ކުންފުނިން ހާމަކޮށްފައިވާ މައުލޫމާތާއި
ސަރުކާރުން ހާމަކުރާ މައުލޫމާތާ ދިމާނުވާ އެތައް ކަމެއް ހުރިކަން އެ ޕާޓީން ފާހަގަކުރެ
އެވެ.
މި މަޝްރޫއަކީ
ރާއްޖެއަށް ފައިދާހުރި ކަމެއްނަމަ، އޭގެ ތަފްސީލު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެންޖެހޭ
އެއްވެސް ސަބަބެއް ނެތް ކަމަށާއި، މައުލޫމާތު ސިއްރުކުރުމަކީ ނުރައްކާތެރިކަމުގެ ނިޝާނެއް
ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
މި މަޝްރޫއާ
ގުޅިގެން ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތާއި، ދިވެހި ދައުލަތުން އުފުލަންޖެހޭ
މާލީ އިލްތިޒާމުތަކާއި، ބޭރުގެ ކުންފުންޏަށް ދީފައިވާ މާލީ ލުއިތަކާއި އިސްތިސްނާތައް
ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން،
އެ ކުންފުނިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަކީ ކޮބައިކަންވެސް ރައްޔިތުންނަށް
އެނގެންޖެހޭ ކަމަށް އެ ޕާޓީން ދެކެ އެވެ.
އެމްޑީޕީގެ
ބަޔާނުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުކޮށްދިނުމުގެ
މައްސަލައަށެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ބިދޭސީންނަށް ބިން މިލްކުވާނެ އެއްވެސް
އުސޫލަކަށް އެއްބަސްވެފައިވޭތޯ ނުވަތަ މުސްތަގުބަލުގައި ބިދޭސީންގެ ދާއިމީ މިލްކުވެރިކަމެއް
އުފަންވެދާނެ ފަދަ ކަމެއް ހިމެނިފައިވޭތޯ ސަރުކާރުން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށް
ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ
ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު
ނުވަތަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެ ކަމަށާއި، އެ
ކަމާމެދު ގޮތެއް ނިންމާނަމަ، އެކަން ނިންމަންވާނީ ސީދާ ދިވެހި ރައްޔިތުންކަމަށްވެސް
ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ގާނޫނުއަސާސީގެ
4 ވަނަ މާއްދާއާ ހަވާލާދީ އެމްޑީޕީން ބުނީ، ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން
އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، ބިދޭސީންނަށް ބިން މިލްކުކޮށްދިނުން
ފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ ސީދާ ރައްޔިތުން ކަމަށެވެ.
އެހެންކަމުން،
މިފަދަ މުއާމަލާތެއް ކުރިއަށްގެންދަންވާނީ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނުވަތަ
ރިފަރެންޑަމެއް ނަގައި، ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށްފަހު ކަމަށް އެމްޑީޕީން
ސަރުކާރަށް ގޮވާލާފައިވެ އެވެ.