މަހު މުސާރަ ލިބުމުން ގޭގެ ކުލި ދައްކައި، ކަންމަތީ ފިހާރައިން ކާބޯތަކެތި ގަތުމަށްފަހު ފަހަށް ރައްކާކުރާނެ އެއްވެސް ފައިސާއެއް ރައްޔިތުންގެ އަތުގައި ބާކީ އޮވޭތޯ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ސުވާލު އުފައްދަވައިފި އެވެ.
ބުދަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ގައުމު ހިންގަން ނޭނގޭ ކަމަށާއި، މި ސަރުކާރުގެ ސަބަބުން ރާއްޖޭގެ ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށެވެ.
އަމްރު ވިދާޅުވީ މީގެ ދެ އަހަރު ކުރިން 23 ރުފިޔާއަށް ލިބުނު ޑަޗްލޭޑީ ކިރު ޕެކެޓެއް މިއަދު ލިބެނީ 45 ރުފިޔާއަށް ކަމަށެވެ. އަދި މީގެ އަހަރެއް ކުރިން 30 ރުފިޔާއަށް ލިބުނު ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ 60 ރުފިޔާއަށް އަރާފައި ކަމަށާއި، ރައްޔިތުންގެ އާމްދަނީއާއި ޚަރަދުތައް ދިމާނުވެ، އަތްނުފޯރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
ސިއްހީ ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ، ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ސިޓީ ހިފައިގެން ފާމަސީއަށް ދިޔުމުން ބޭސް ލިބެން ނުހުންނަ ކަމަށެވެ. އަދި ހުރިހާ ކަމެއްގައި ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް މިހާރު ވެސް ފެންނަމުން މި ދަނީ، އިހުސާސްކުރެވެމުން މި ދަނީ، އަދި އަޑުއިވަމުން ވެސް މި ދަނީ ހަމަ އެ ވާހަކަ. މަހު މުސާރަ ލިބުނީމާ ގޭގެ ކުލި ދައްކާފައި ބާކީ ކިހާވަރެއްތޯ އޮންނަނީ؟ ކަންމަތީ ފިހާރައަކަށް ގޮސް ކާބޯތަކެތި ގަތީމާ ފަހަށް ފޮރުވާނެ ފައިސާއެއް އޮވޭތޯ؟ ދެ އަހަރު ކުރިން ޑަޗްލޭޑީ ކިރުޕެކެޓެއް އެބަ ލިބޭ 23 ރުފިޔާއަށް. މިއަދު ލިބެނީ 45 ރުފިޔާއަށް. މީގެ އަހަރެއް ކުރިން ކުކުޅު ކިލޯއެއް ލިބެނީ 30 ރުފިޔާ އަށް. މިއަދު ކުކުޅު ކިލޯ އެއް ލިބެނީ 65 ރުފިޔާއަށް. އަނގަޔާ އަތާ ދިމާ ނުވޭހުސެއިން އަމްރު
މީގެ އިތުރުން އަމްރު ވިދާޅުވީ މިސަރުކާރާއެކު ޚުދުމުހުތާރު ވެރިކަމަކަށް ފުރޮޅުމުގެ ފުރުސަތު ބޮޑު ކަމަށާއި، ހެޔޮވެރިކަމެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ދައުލަތް ހިންގާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށާއި، މިފަދަ ބަދަލުތަކެއް ގެނެވޭނީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ވެފައިވާ ވައުދުތަކާއި އަމަލާ ދިމާނުވާކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ބުނި ނަމަވެސް، މިއަދު ސަރުކާރުގައި ސިޔާސީ ޕާޓީއެއް އުފެއްދޭ މިންވަރަށް ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށެވެ.