ކައުންސިލް އިންތިޚާބާ ދިމާކޮށް ދ. ބަނޑިދޫގައި ފެށި ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް އިންތިޚާބު ނިމުނު ފަހުން ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ދ. ބަނޑިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއީ ކައުންސިލް އިންތިޚާބާ ދިމާކޮށް ފެށި މަޝްރޫއެއް ކަމަށެވެ.

އެގޮތުން މަޝްރޫއުގެ ސައިޓު އެޅުމަށް ކައުންސިލުން ފުރަތަމަ ދިން ބިން ކުޑަކަމަށް ބުނެ، ކައުންސިލުން މަސައްކަތަށް އެއްބާރުލުން ނުދޭކަމުގެ އަޑުތައް ރަށުތެރޭގައި ފެތުރުމުން، އެމްޓީސީސީން އެދުނު ގޮތަށް ރަށުގެ ބަނދަރުގެ ބީޗް ސަރަހައްދުން ބޮޑު ބިމެއް ހަމަޖައްސައިދިން ކަމަށް އޭނާ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ އެ ސަރަހައްދުގައި ޓެންޓު ޖަހައި، ދާދަމައި ސައިޓު ވަކިކުރުން ފިޔަވައި އިތުރު އެއްވެސް އަމަލީ މަސައްކަތެއް އިންތިޚާބަށްފަހު ކުރިއަށް ގޮސްފައެއް ނުވާ ކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ އިތުރު އެއްވެސް ސާމާނެއް ވެސް އެ ރަށަށް ގެނެސްފައި ނުވާއިރު، ޖެހި ދާތައް ވީރާނާވެ، އެ ސަރަހައްދު މިހާރު އޮތީ ބޭނުންނުކުރެވި ދޫކޮށްލެވިފައިވާ ކަމަށެވެ. 

ހަފްތާއެއް ތެރޭގައި އަޑު އިވުނީ އެ ބިން ކުޑަވެގެން ސާމާނު މިކޮޅަކަށް ނުގެނެވޭ، އެހެންވީމަ ކައުންސިލުންނޭ މިކަން ކުރަން ބޭނުންނުވަނީ ދެން އަނެއްކާ ކައުންސިލުން މިއޮތީ 10000 އަކަ ފޫޓުގެ އެމީހުން ބޭނުންވާ ބަނދަރުގެ ބީޗް ސަރަހައްދުން ދީފައި. ދެން ހަމަ މިތާގައި އެމީހުން ޓެންޓު ޖަހާ މި ނަރުދާދަމާ ހަދާފައި ސައިޓު ވަކިކޮށްފައި ކައުންސިލް އިންތިޙާބު ފަހުން އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ
އަހުމަދު އީސަ 

ބަނދަރު ސަރަހައްދަކީ ރަށުގެ ރައްޔިތުން އާންމުކޮށް ބޭނުންކުރަމުން އައި ރީތި ސަރަހައްދެއްކަން ފާހަގަކުރައްވައި އީސަ ވިދާޅުވީ، ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދިނުމަށް ކައުންސިލް އަދިވެސް އޮތީ ތައްޔާރަށް ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް މި މަސައްކަތް އަލުން ފެށިގެން ދިއުމަކީ ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ.