ތަކެތީގެ އަގު ހެޔޮކުރުމަށް އެމްޑީޕީގެ ސަރުކާރެއްގައި ވީހާ ވެސް އަވަހަށް މުދާ ބޭލޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން މަޖޫރީންނާއި ޑްރައިވަރުންނަަށް ބައްދަލުކުރައްވާ އެމީހުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު އެެވެ.
އެގޮތުން، ފައިސަލް ވަނީ އެމްޕީއެލްއިން އަވަހަށް މުދާ ކްލިއަރ ކުރެވުމުން އޭގެ ހުރިހާ ފަސޭހައެއް ވެސް ލިބިގެން ދަނީ ދިވެހި ރައްޔިތުންނަށް ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ދިމާވާ ދަތިތައް ވީހާވެސް އަވަހަކަށް ހައްލު ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ޕޯޓުގެ މަަސައްކަތް ލަސްވެގެން ދަނީ ވަކި ގޮތަކަށް ޕްލޭން ކުރެވިފައި އޮއްވާ އެކަން ބަދަލުކުރުމުން ކަމަށެވެ. ހަމައެއާއެކު، އެމްޑީޕީގެ ސަރުކަރެއްގައި މި މަސައްކަތް ހަލުވި ކަމާއެކު ކޮށްދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ އެމްޑީޕީ ސަރުކާރެއްގައި މިކަމަށް އަނެއްކާ ވެސް ވަރަށް ބޮޑު އިތުރު ސަމާލުކަމެއް ދެވިގެން، ހަލުވި ކަމާއެކު މި މަސައްކަތް ކުރިއަށް ގެންގޮސް، ތަކެތީގެ އަގު ކުޑަ ކުރުމަށްޓަކައި، ދަށް ކުރުމަށްޓަކައި، ވީހާ ވެސް އަވަހަށް މުދާ ބާލާ އަދި މަޖޫރީންނާއި ޑްރައިވަރުންނަށް ފަސޭހަކަމާއެކު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނެ ގޮތްތައް މެދުވެރިވެ އަދި އެމީހުންނަށް އެ ބޭނުންވާ ޕާކިންގ ޒޯންތައް ވެސް ފަސޭހަކަމާއެކު ހަމަޖެހިގެން ދިޔުންފައިސަލް ނަސީމް
ފައިސަލް މިފަދައިން ވިދާޅުވެފައި މިވަނީ އެމްޕީއެލްއިން ކޮންޓޭނަރުތައް ބޭލުމުގައި ލަސްތަކެއް ދިމާވެ، ތަކެތީގެ އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ. ތަކެތީގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާތީ އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.