އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، އެ ކަންކަމަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަނުގައި ދެ ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ 361 މުވައްޒަފަކު ވަނީ ސޮއިކޮށްފަ އެވެ.

މުވައްޒަފުން ފާހަގަކޮށްފައިވާ ގޮތުގައި، 1 ނޮވެމްބަރު 2025 އިން ފެށިގެން ސިވިލް ސަރވިސްގެ އައު ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށުމާ ގުޅިގެން ކުރިން ލިބެމުންދިޔަ ރިސްކް އެލަވަންސް ވަނީ އުނިކޮށްފަ އެވެ. ކުރިން ކޮންމެ މުވައްޒަފަކަށް ރިސްކް އެލަވަންސްގެ ގޮތުގައި 75 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބުނު ނަމަވެސް، އައު އޮނިގަނޑުގެ ދަށުން ރިސްކް އެލަވަންސް ކަނޑާލައި ތައާރަފުކުރި ހާޒިރީ އެލަވަންސް ކަނޑައަޅާފައިވަނީ މަގާމުގެ ފަންތިއަށް ބަލައިގެން ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ. 

އެގޮތުން ދަށު މަގާމުތަކުގެ މުވައްޒަފުންނަށް ކުޑަ އަދަދެއް އަދި އިސް މަގާމުތަކަށް ބޮޑު އަދަދެއް ހަމަޖެއްސުމަކީ ވަޒީފާއަށް ހާޒިރުވުމުގެ ހަމަހަމަކަމުގެ އުސޫލާ ހިލާފު ކަމެއް ކަމަށް މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ. 

މީގެއިތުރުން، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތްދޭ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޮނިހިރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިނާޔަތް ނުލިބޭ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އާންމު ސިވިލް ސަރވިސްގެ އޮފީސްތަކުގައި ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރި ނަމަވެސް، ހޮސްޕިޓަލުގެ ބައެއް ޑިޕާޓްމަންޓްތަކުގައި ޝިފްޓް ޑިއުޓީގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރަން ޖެހޭއިރު، އިތުރުވާ 2 ގަޑިއިރަށް ކުރިން ދެމުންދިޔަ އިތުރުގަޑީގެ ފައިސާ މިހާރު ނުލިބޭ ކަމަށް މުވައްޒަފުން ބުނެ އެވެ. އަދި ނޭޝަނަލް ޕޭ ކޮމިޝަނުން މެއި 2026 ގައި މައިގްރޭޝަން އެލަވަންސްގެ ގޮތުގައި ދިނުމަށް ފޮނުވާފައިވާ ފައިސާ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ހިފަހައްޓާފައިވާ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ. 

ޕެޓިޝަން ހުށަހެޅި މުވައްޒަފުން ވަނީ މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި ސަރުކާރަށް މުހިންމު ކަންތައްތަކެއް ހުށަހަޅާފަ އެވެ. އެއީ މަގާމުގެ ފަންތިއަށް ބެލުމެއްނެތި ހޮސްޕިޓަލުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ދުވާލަކު 200 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދުގެ އަދަދަކަށް ހާޒިރީ އެލަވަންސް އެއްހަމަކުރުމެވެ. އަދި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަ ހޮނިހިރު ދުވަހު މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އެލަވަންސް ހަމަޖައްސައިދިނުމާއި ކަލަންޑަރުގައި ކަނޑައަޅާފައިވާ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގައި ޑިއުޓީ އަދާކުރާ މުވައްޒަފުންނަށް ލިބެންޖެހޭ ބަންދު ދުވަހުގެ އެލަވަންސް އިންސާފުވެރިކަމާއެކު ދިނުމެވެ. 

މީގެއިތުރުން ޕޭ ހާމަނައިޒޭޝަނާ ގުޅިގެން އުނިވި މިންވަރަށް ބަލައި ނޭޝަނަލް ޕޭ ކޮމިޝަނުން މެއި 2026 ގައި މުވައްޒަފުންނަށް ވަކިވަކިން ދިނުމަށް ފޮނުވާފައިވާ އެލަވަންސް އަވަސް ފުރުސަތެއްގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މިއާއެކު، 1 ސެޕްޓެންބަރު 2026 ގައި ފޮނުވި މި ޕެޓިޝަނުގައި މުވައްޒަފުން ފާހަގަކޮށްފައިވާ، އައު ޕޭ ފްރޭމަށް ބަދަލުވުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް 9 ޑިސެމްބަރު 2025 ގައި ވެސް ރައީސް މުއިއްޒު އާއި ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކަންބޮޑުވުންތަކަށް އެއްވެސް އިދާރާއަކުން ހައްލެއް ލިބިފައިނުވާ ކަމަށް ޕެޓިޝަންގައި މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ. 

ހޮސްޕިޓަލްތަކަކީ ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ޚިދުމަތްތައް ދޭ މުހިންމު ތަންތަން ކަމަށްވާތީ، އެންމެ ދަށު ފަންތީގެ މަގާމުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ މަގާމުތަކާ ހަމައަށް ހަމަހަމަކަން ގާއިމުކޮށް، މުވައްޒަފުންގެ މަސައްކަތުގެ ރޫހު ދެމެހެއްޓުމަށްޓަކައި މި މައްސަލަތަކަށް ރައީސްގެ ފަރާތްޕުޅުން އަވަސް ޖަވާބަކާއި އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.