ލޮލުގެ ޚާއްސަ ފަރުވާއެއް ކަމަށްވާ އިންޓްރާވިޓްރިއަލް އިންޖެކްޝަންގެ ޚިދުމަތް ހޯދުމަށް އެންސްޕާގެ އެހީއަށް އެދުމުން ދިމާވާ ދަތިތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯދައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އާމިނަތު ޒީނިޔާ އަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މެންބަރު ކުޑޫގެ އެ ސިޓީގައިވަނީ އެ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ވެސް ހިމަނާފަ އެވެ. އެގޮތުން ކުރިން އާސަންދައިގެ ޚިދުމަތް ލިބެމުންދިޔަ މި އިންޖެކްޝަން، މިހާރު އާސަންދަ މެދުވެރިކޮށް ނުލިބޭ ކަމަށާއި އެ އިންޖެކްޝަނަކީ ބައެއް ފަހަރު 3 ޑޯޒް އަދި އެއަށްވުރެ ވެސް ގިނަ ޑޯޒު ފުރިހަމަ ކުރަންޖެހޭ އެއްޗަކަށް ވާއިރު، ކޮންމެ ފަހަރަކު 7،900 ރުފިޔާ އަމިއްލަ ޖީބުން ޚަރަދުކުރަން ޖެހުމަކީ އާންމު ރައްޔިތުންނަށް އުފުލަން ޖެހޭ ވަރަށް ބޮޑު މާލީ ތަކުލީފެއް ކަމަށް ސިޓީގައިވެ އެވެ. 

އޭގެ އިތުރުން އާސަންދަ އިން ޚިދުމަތް ނުލިބޭ ޕްރޮސީޖަރުތަކަށް އެހީ ހޯދުމަށް އެދި އެންސްޕާ އަށް ހުށަހަޅާ ފޯމު ޕްރޮސެސް ކުރުމަށް ގިނަ ދުވަސްތަކެއް ނަގާ ކަމަށާއި، އެކަން ސާފުކުރުމަށް ހޮޓްލައިން އަށް ގުޅުމުން، ހަމަޖެހޭނެ ވަކި ވަގުތެއް ބުނަން ނޭނގޭ ކަމަށް، އަދި އެއީ ހޮސްޕިޓަލާއި އާސަންދާއާ ދެމެދު އޮންނަ މުއާމަލާތެއް ކަމަށް ބުނެ ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ނުދޭ ކަމަށް ވެސް ސީޓީގައިވެ އެވެ. އަދި އާންމުކޮށް މިފަދަ ފަރުވާތަކަށް ވިޒިޓިންގ ޑޮކްޓަރުން ތިއްބަވަނީ 3 ދުވަހުގެ މުއްތަކަށް ކަމަށްވެފައި، ފުރަތަމަ ދުވަހު ބަލިމީހުން ބެލުމަށް ފަހު 2 ވަނަ ދުވަހު އިންޖެކްޝަން ޖެހުމުގެ ޕްރޮސީޖަރު ކުރިއަށް ދާއިރު ވެސް އެހީ ހަމަނުޖެހި ލަސްވާ ކަމަށް ސިޓީގައިވެ އެވެ. 

ސިޓީގައި ބުނީ އަމިއްލަ ޚަރަދުގައި ޕްރޮސީޖަރު ކުރިއަށް ގެންގޮސްފިނަމަ ފަހުން އެ ފައިސާ އަނބުރާ ވެސް ނުކޮށްދޭ ކަމަށެވެ. އަދި މި މައްސަލައަކީ ރައްޔިތުންގެ ސިއްހަތާ ސީދާ ގުޅިފައިވާ މައްސަލައަކަށް ވެފައި، އަވަސް ހައްލެއް ފޯރުކޮށް ނުދެވިއްޖެ ނަމަ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެހެންކަމުން އެކަމަށް ރިއާޔަތް ކުރުމަށްފަހު ރައްޔިތުންނަށް ފަސޭހަވާނެހެން މިކަމުގައި އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މެންބަރުގެ ސިޓީގައިވެ އެވެ.