ރާއްޖޭގެ މާލީ ހާލަތަށް އެހީތެރިވުމުގެ ގޮތުން
އިންޑިއާއިން ހަމަޖައްސައިދީފައިވާ 30 ބިލިއަން އިންޑިއާ ރުޕީސްގެ ކަރަންސީ ސްވަޕް
އެއްބަސްވުމުގެ މުއްދަތު ރޯލްއޯވާކޮށްދިނުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި
އެދިއްޖެ އެވެ.
މި ކަރަންސީ ސްވަޕްގެ މުއްދަތު ކުރިއަށް އޮތް ދިހަވަރަކަށް
ދުވަހުގެ ތެރޭގައި ހަމަވާތީ އެ ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް
ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި ވަނީ އެދިފަ އެވެ. އަދި އެގޮތަށް ސަރުކާރުން އެދިފައިވާކަމާއި، އޮންނަ
އުސޫލުގެ ތެރެއިން އެ މަޝްވަރާތައް ކުރިއަށްދާކަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު
ހުސައިން ޝަރީފް (މުންދު) ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
30 ބިލިއަން އިންޑިއާ
ރުޕީސް މިއީ އެމެރިކާ ޑޮލަރުން ބަލާނަމަ ގާތްގަނޑަކަށް 316 މިލިއަން ޑޮލަރެވެ. މި ކަރަންސީ
ސްވަޕް އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ހަރުދަނާ ކުރުމަށް އިންޑިއާއިން
އޭރު ދީފައިވާ މުހިންމު އެހީތެރިކަމެކެވެ.
އޭރު ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާއިން ނެރުނު
ބަޔާނުގައިވާ ގޮތުން ކުރީގެ ސްވޮޕަށް 400 މިލިއަން ޑޮލަރު ދެއްކުމުން އިތުރު ސްވޮޕެއް
ދީފައިވަނީ އިންޑިއާ ރުޕީސް އިންނެވެ.
ފޮރިން މިނިސްޓްރީ އިން ބުނެފައިވަނީ މެދުއިރުމަތީގެ
މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް
ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް މި 30 ބިލިއަން ރުޕީގެ ސްވޮޕް ފެސިލިޓީގެ ސަބަބުން
ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.