ރާއްޖޭގައި ހުންނަ ޖަރުމަނުވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން ނިންމުމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވޭތުވެދިޔަ ފަސްދޮޅަހަކަށް އަހަރަށްވުރެ ގިނަ ދުވަހަށް ބަލާއިރު ޖަރުމަނުވިލާތަކީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިންނާއި، ޔޫރަޕިއަން ޔޫނިއަންގައި އެ ގައުމުން އަދާކުރާ އިސް ދައުރުގެ ތެރެއިން، ދިވެހިރާއްޖެ ތަރައްގީ ކުރުމަށް އެހީވާ އެންމެ މުހިއްމު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގެ ތެރެއިން ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދުމުގައި އެ ގައުމުގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެ ޕާޓީ އިން ބުނެ އެވެ.

ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތްތަކުގައި ވެސް ޖަރުމަނުވިލާތުން ވަނީ އެކިގޮތްގޮތުން އެހީވެފައި ކަމަށާއި އަދި ޑިމޮކްރަސީ ހަރުދަނާކުރުމަށް ދިވެހީން ކުރަމުންދާ މަސައްކަތްތަކުގައި ވެސް އެ ގައުމަކީ ޒަމާންވީ ގާތް ރަހުމަތްތެރިއެއް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއި، ގާނޫނީ ސިނާދަތާއި އެހެނިހެން ކަންކަމުގައި ވެސް އެ ގައުމުން ދޭ އެހީތެރިކަމާ އެއްބާރުން ފާހަގަކޮށް އެ ޕާޓީ އިން ވަނީ ޖަރުމަނުވިލާތާ އެމްޑީޕީއާއެކު އޮންނަ ގާތް ގުޅުމަށް ވެސް ބަދަލެއް ނާންނަ ކަމަށް ބުނެފަ އެވެ. 

މީގެ އިތުރުން، ޖަރުމަނުވިލާތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓް ކަމަށާއި ގިނަ އަދަދެއްގެ ޖަރުމަނު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރަނީ، ކޮންސިއުލާ އެހީތެރިކަން ފަސޭހައިން ލިބޭނެ ކަމުގެ ޔަގީންކަމާއެކުގައި ކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް، ފަތުރުވެރިންގެ އިތުބާރު ދެމެހެއްޓުން މުހިންމު މިފަދަ މާކެޓެއްގައި، ކޮންސިއުލޭޓް ބަންދުކުރުމުން އެ ޔަގީންކަން މިހާރު ގެއްލިފައިވާ ކަން އެމްޑީޕީ އިން ވަނީ ފާހަގަކޮށްފަ އެވެ. 

ޖަރުމަނުވިލާތުގެ ކޮންސިއުލޭޓަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށްދޭ މުހިންމު ބްރިޖެއް ކަމަށާއި އެމްޑީޕީ އިން ގަބޫލުކުރާ ގޮތުގައި، ކޮންސިއުލޭޓް ބަންދުވުން ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މިއީ ރާއްޖޭގެ ޒަމާންވީ ބައިވެރިންނާއެކު އޮންނަ ގުޅުންތަކަށް ސަރުކާރުން ދޭ ސަމާލުކަން ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށާއި އެހެންކަމުން، ވީ އެންމެ އަވަހަކަށް މާލޭގައި ކޮންސިއުލާ ޚިދުމަތްތައް އަލުން އިއާދަކުރުމަށް މަސައްކަތް ކުރުމަށް ވެސް އެ ޕާޓީ އިން ވަނީ ގޮވާލާފަ އެވެ.

އެ ބަޔާނުގައި ބުނީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމާއި ބައިވެރިވުން ދެމެހެއްޓުމުގައި އެ ޕާޓީ އިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. 

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރިކަން، އެ ގައުމުގެ ސަރުކާރުން އެންގީ މި މަހުގެ 2 ވީ ހުކުރު ދުވަހުގަ އެވެ. ލަންކާގައި ހުންނަ ޖަރުމަނުގެ އެމްބަސީ އިން އެކަން އަންގައި ބުނެފައި ވަނީ ކުއްލި ހާލަތެއްގައި އެ އެމްބަސީ އަށް ގުޅުމަށް އެދޭ ކަމަށެވެ.