ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ
އަލްއުސްތާޛު މަހާޒް އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމުގެ
ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި، ނުހަނު
ކަންބޮޑުވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު
އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
ނާޒިލް ވިދާޅުވީ، މި ދެ ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން
އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާއެކު، އެމްޑީޕީގެ ފަރާތުން މިހާރު ވާނީ މަޖިލީހަށް
ގަރާރެއް ވެސް ހުށަހަޅާފައި ކަމަށެވެ.
ނާޒިލް ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން،
ސަރުކާރުން ބޭނުންވާހާ ހިނދަކު ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.
އަދި މިކަން ހިނގައިދިޔައީ ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހެދިފައިވާ އުސޫލުތަކާ
މުޅިން ޚިލާފަށް ކަމަށާއި، މިއީ ޖުޑީޝަރީއަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއްގެ
ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މީގެ އިތުރުން، މިއަދު ރާއްޖޭގެ ފަނޑިޔާރުން މަސައްކަތް
ކުރަންޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ފަނޑިޔާރުންނާމެދު ކަންކަން
ވެގެންދާނެ ގޮތެއް މިއަދު އެއްވެސް މީހަކަށް ބުނަން ނޭނގޭ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
ފަނޑިޔާރުގެއަށް ގެނެސްފައިވާ ހެޔޮ ބަދަލުތައް
މި ސަރުކާރު އައުމަށްފަހު ފަހަތަށް ޖައްސާލާފައިވާ ކަމަށް ތުހުމަތު ކުރައްވަމުން ނާޒިލް
ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޖުޑީޝަރީއަށް އަތްބާނުވައިގެން ކުރައްވާފައިވާ
ކަންކަން ކަމަށެވެ. އަދި ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރި މައްސަލައިގައި އެއްވެސް
ކުށެއް ނެތް ކަމަށް ބުނެ ފުލުހުން މިހާރު އެ މައްސަލަ ފައިލްކޮށްފައިވާތީ، އޭރު ފަނޑިޔާރުން
ވަކިކުރަން ހިންގި ކަންކަމަކީ ސިޔާސީ ނުފޫޒުގެ ދަށުން ހިންގާފައިވާ ކަންތައްތަކެއްކަން
މިހާރު ކަށަވަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ މަހާޒް
އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށް ބުނާ
މައްސަލައިގައި ޖިނާއީ ކުށެއް ނެތް ކަމަށް ނިންމައި، ފުލުހުން ވަނީ އެ މައްސަލަ ފައިލްކޮށްފަ އެވެ. މިއީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުރަތަމަ
ތަހުގީގު ކުރަން ފެށި މައްސަލައެއް ނަމަވެސް، ފަހުން އޭސީސީއާއި ފުލުހުން ގުޅިގެން
ޖޮއިންޓް ތަހުގީގެއް ހިންގިކަން ނުވަތަ ނޫންކަން ކަމާގުޅޭ އިދާރާތަކުން މިހާތަނަށް ވެސް
ސާފުކޮށްދީފައެއް ނުވެ އެވެ.
މި މައްސަލައާ ގުޅިގެން ފަނޑިޔާރުން ކުރިން ވިދާޅުވެފައިވަނީ،
މިއީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ބައްލަވަމުން ގެންދަވަނިކޮށް، ސިޔާސީ
ނުފޫޒުން ކުރިއަށް ގެންދިޔަ ތަހުގީގެއް ކަމަށެވެ. ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއް
ސާބިތުނުވާ ކަމަށް ނިންމާފައިވާއިރު، އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ނިންމި ނިންމުމާ
މެދު އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.