ހުޅުމާލެ ފޭސް 2 ގައި ވަންވޭއާ ހިލާފަށް ދުއްވި
ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު
މީހަކަށް ސީރިއަސް އަނިޔާވެފައިވާއިރު، މި މައްސަލައިގައި ހިމެނޭ މީހަކު ހައްޔަރުކޮށްފައިވާކަމަށް
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 2:55 އެހައިކަންހާއިރު އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މި އެކްސިޑެންޓުގައި
ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ ލ.މާމެންދޫ، މުހައްމަދު
ސައިފް އެވެ.

އޭނާ ފަރުވާއަށްފަހު ދޫކޮށްލުމުން އޮކްޓޫބަރު
12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން
މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވެ އެވެ.

މުހައްމަދު ސައިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް
ކޯޓަށް ހާޒިރުކުރުމުން، އޭނާ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން
ބުނެ އެވެ.

ފުލުހުން ހާމަކުރި ތަފްސީލުތަކުން ދައްކާ ގޮތުގައި
މުހައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑް އޮންނަ މީހެކެވެ.
އަދި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި
މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް ވެސް އޭނާގެ ނަމުގައި އޮންނަ
ކަމަށް ފުލުހުން ހާމަކުރި އެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.