13 އޮކްޓޯބަރު 2026 ގައި ރޮއިޓަރސް އިން ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ރާއްޖޭގެ މާލީވަޒީރު
ހަސަން ޒަރީރު ރޮއިޓާރސްއަށް ދެއްވާފައިވާ ބަސްދީގަތުމަކަށް ހަވާލާދެއްވާ،
ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މާލީއެހީއަށް އެދިފައިވާކަން ޔަޤީންކޮށްދީފައިވެ އެވެ. ބައިނަލްއަޤްވާމީ މާލީ އެހީ އަށް އެދި އާދޭސްކުރާ
ހިސާބަށްދިއުމުން ޔަޤީންވަނީ، އިގުތިސާދަށް ކުރެވޭ ބުރަ އިތުރުވެ ރާއްޖެ ބަނގުރޫޓުވުމާ
ކައިރިއަށް ގޮސްފައިވާކަމެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޮއިޓަރސްއަށް
ވިދާޅުވެފައިވަނީ، ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމުން،
ދައުލަތުގެ މާލީ ހާލަތަށާއި ބޭރުގެ ފައިސާގެ ރިޒާވަށް ބުރަވަމުންދާ ކަމަށެވެ.
2026 ވަނަ އަހަރު އިގުތިސާދީ ކުރިއެރުން ހުންނާނެކަމަށް ލަފާކުރެވެނީ ހަމައެކަނި 1
ޕަސެންޓުގަ އެވެ. އަދި ބަޖެޓުގެ ޑެފިސިޓް، އަމާޒުކުރި 7.1 ޕަސެންޓުން 9 ޕަސެންޓަށް
އަރާނެ އެވެ. މިއަހަރު ހަކަތައަށް ދެވޭ ސަބްސިޑީގެ ޚަރަދު ވެސް ތިންގުނައަށް
އަރާފައިވެ އެވެ.
ކުރިއަށް އޮތް އަހަރުތަކުގައި، އަހަރަކު 300
މިލިއަނާއި 400 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ދަރަނި އަނބުރާ
ދެއްކުމަށް ބޭނުންވާތީ، އިތުރު އިގުތިސާދީ ހުރަހެއް ދިމާވުމުން އެކަމަށް
ކުރިމަތިލުމުގެ ގާބިލުކަން ދިވެހި އިގުތިސާދުގައި ނެތެވެ.
ބޭރުގެ އެހީއިން، މާލީ ވަގުތީ ލުއިކަމެއް ނުވަތަ ފަސޭހައެއް
ލިބިދާނެ އެވެ. ނަމަވެސް، ދެމެހެއްޓެނިވި މާލީ ނިޒާމަކަށް ބޭނުންވަނީ ޚަރަދުކުރުމުގައި
ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމާއި މާލީ ކަންތައްތަކުގައި ދެފުށް ފެންނަގޮތަށް
މުއާމަލާތްކުރުމާއި މާލީ އިތުބާރާއިގުޅޭ ތަރައްޤީގެ ސިޔާސަތުތައް ހަރުދަނާކަމާއެކު
ތަންފީޒުކުރުމެވެ. ރާއްޖޭގެ މާލީނިޒާމުގައި މިފަދަ އެއްވެސް
ހަރުދަނާކަމެއް ނެތުމުން، ބައިނަލްއަގުވާމީ އެހީލިބުން ދަތިވެ އިންވެސްޓަރުންގެ
އިތުބާރު ރާއްޖޭގެމައްޗަށް ކުޑަ އެވެ. އަދި ވަސީލާތްތައް ބޭނުންކުރުމާއި އިގުތިސާދީފައިދާ
އަށް ވަސީލަތްތައް ބަދަލުކުރުމުގައި ދެފުށްފެންނަ ސިޔާސަތުތަކެއް ނެތުމުން އެކި ފަންތިތަކުގެ
ވިޔަފާރިތަކަށް އެކަމުގެ ގެއްލުމާއި ކުރިމަތިލާންޖެހެ އެވެ.
އުފެއްދުންތެރިކަމެއް ނެތް ބޭކާރު ޚަރަދު ބޮޑުވެ އާމްދަނީއަށްވުރެ ހޭދަ މައްޗަށްދިއުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފަ އެވެ.