އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ މުއައްސަސާއެއް ކަމަށާއި، ޚަރަދު ކުޑަކުރަން ބޭނުން ނަމަ، އެ މުއައްސަސާގައި ތިބި ބޭފުޅުން ގެއަށް ފޮނުވާލަންވީ ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިކް ވިދާޅުވީ މިއަދު މި ގައުމުގައި ކޮރަޕްޝަން އެކުނުލެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެގޮތުން ވަޒީފާގައި ހުންނަން ވެސް ޖެހެނީ ޕީއެންސީ އަށް ސޮއިކޮށްގެން ކަމަށާއި މި މައްސަލަތައް އޭސީސީ އިން ބަލަން ޖެހޭ ކަމަށް އައިކް ވިދާޅުވި އެވެ. 

މިއަދު މިއޮތް އޭސީސީ އަކީ ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ ބައެއް ކަމަށާއި އޭސީސީގައި ތިބި ބޭފުޅުންނަނީ ގާނޫނު އަސާސީއިން ހަވާލުކުރެވިފައި އޮތް އެއްވެސް ޒިންމާއެއް އަދާކުރާ ބޭފުޅުންނެއް ނޫން ކަމަށް ވެސް އައިކް ވިދާޅުވި އެވެ. 

އައިކް ވިދާޅުވީ އެ މުއައްސަސާ އިން ކުރާ ހަމައެކަނި ކަމަކީ އެބޭފުޅުންގެ މަގާމު ދިފާއުކުރުމުގެ ގޮތުން ސަރުކާރަށް ސަނާކިޔުމާއި، ސަރުކާރުގެ ސިޔާސީ ބޭނުމަށް ބަޔާން ނެރުމާއި ސަރުކާރާ ދެކޮޅު މީހުންގެ މައްސަލަ ބެލުން ކަމަށެވެ. އިތުރު އެއްވެސް ކަމެއް އެސީސީ އިން ނުކުރާ ކަމަށް އައިކް ވިދާޅުވި އެވެ. 

 އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ވެސް ދިވެހިރާއްޖޭގެ ބަޖެޓު ކުޑަކުރަން، ކޮންމެވެސް ވަރަކަށް ޚަރަދު ކުޑަކުރަން ބޭނުން ނަމަ އޭސީސީގައި ތިއްބެވި ބޭފުޅުން ގެއަށް ފޮނުވާލާފައި ކޮންމެވެސް އައު ބަޔަކާއެކު މިކަން ކުރަން އުޅެންވީ. ހަމަ ގައިމު ވެސް ނަޒާހާތްތެރި ކަމެއް ހުރި ބައެއް ނަމަ މިފަދަ ވާހަކަތަކެއް ނޫން ދައްކާނީ. ނަޒާހާތްތެރި ބައެއް ނަމަ އެ ބޭފުޅުން މައްސަލަތައް ބަލާނެ. ބަލާފައި އޭގެ އަސްލު ހޯދުމަށްފަހު ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ. އަދި އަޅަން ނެތް މައްސަލަތަކުގައި، ހަގީގަތުގައި ބޭސްލެސް، ނުވަތަ އެއްވެސް ކަހަލަ، މިސާލަކަށް ޑރ. އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒްއާ ދެކޮޅަށް ކުރި ކަހަލަ ތުހުމަތުތަކެއް ނަމަ އެބޭފުޅުންނަށް އެ މައްސަލަ ފައިލްކޮށްފައި ދައުވާ ނުކޮށް، މިހާރު މިއޮތް ގޮތަށް ދޫކޮށްލެވޭނެ
އައިކް އަހުމަދު އީސާ

ބަލަން ނުޖެހޭ މައްސަލައެއް ނަމަ އެ މައްސަލައެއް ތަހުގީގު ކުރުމަށްފަހު، ހެކި ނެތް ކަމަށް ނިންމާ، އެ މައްސަލައެއް ފައިލް ނުކުރެވެނީ ކީއްވެގެންތޯ ވެސް އައިކް ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި ވިދާޅުވީ، ބަލަން ޖެހޭ، ހެކި ހުރި، އަސްލު ވެސް ކޮރަޕްޝަން ހުރި މައްސަލަތައް ނުބެލުމަށް އޭސީސީ އިން ބަހަނާ ދައްކަމުންދާ ކަމަށާއި އެ މުއައްސަސާ އަކީ ރައްޔިތުންނަށް ހުރިހާ ގޮތަކުން ޚިޔާނާތްތެރިވެފައިވާ ބައެއް ކަމަށެވެ. 

އެހެންކަމުން އެއީ މިއަދު ބޮޑު މުސާރަ ދިނުމަށްފަހު މަގާމުގައި ބައިތިއްބަން ޖެހޭ ބައެއް ނޫން ކަމަށް ވެސް އައިކް ވަނީ ވިދާޅުވެފަ އެވެ.