މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަ ނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ގ. ޤަޞްރު، ޠަލާލް މުޙައްމަދު (41އ) އަދި މ. މުލި، ނައިޓްރޯސް، އަޙްމަދު ޢުބައިދު (46އ) ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދެ މީހުންގެ މައްޗަށް ތުހުމަގު ކުރެވެނީ، މި މަހުގެ 8 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ހުއްދަ ނޫން ގޮތުގައި ވަދެގަނެ، އެތަނުގައި ތިބި މީހުން ހުއްދަނޫން ގޮތުގައި ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ މައްސަލައިގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.