ރާއްޖޭގެ ރައްޔިތުންނަށް، ޚާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި، ރައްޔިތުންގެ ފައިސާ ރަސްމާލެ މަޝްރޫއަށް އަޅާ ހުސްކޮށްލުމަށް ފަހު މިއަދު މި ސަރުކާރުން އެތަން ބޭރުގެ ބަޔަކަށް އެ ވިއްކާލީ މި ސަރުކާރުގެ ވެރިންގެ ޖީބަށް ބޮޑުވާ ގޮތަށް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއެކު ކުރިއަށްގެންދަވާ ކެމްޕެއިންގެ ތެރެއިން މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ހަރަކާތް ފެއްޓެވުމަށްފަހު ރާއްޖެޓީވީއާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ ފެށިގެން މި ދިޔައީ ރައްޔިތުންގެ ހާލު ބެލުމުގެ މަސައްކަތް ކަމަށެވެ. 

އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ އަޑުއަހައިގެން ޕޮލިސީތަކެއް ހަދާނެ ކަމަށާއި، މިއީ އެކަމުގެ ފުރަތަމަ މަސައްކަތްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، ފައިސަލް އާއި އެ ޓީމުން ބޭނުންވަނީ ރައްޔިތުންގެ ކައިރިއަށް ގޮސް، ރައްޔިތުންގެ އަޑު އަހައިގެން މަސައްކަތްތައް ކުރައްވަން ކަމަށެވެ. 

އާޒިމް ވިދާޅުވީ މާލޭ މޭޔަރުގެ ހައިސިއްޔަތުން މިއަދު އެންމެ ބޮޑަށް އިވެމުންދާ އެއް ޝަކުވާ އަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިކަމުގެ ވާހަކައާއި، ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލުގެ ވާހަކަ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުގައި ހުއްޓުމެއްނެތި ތަކުރާރުކޮށް އެދެމުން ދިޔައީ ރައްޔިތުންނަށް ދިމާވެފައިވާ އެ މައްސަލައަށް ހައްލު ހޯދަދިނުމަށް ކަމަށާ އެހެން ނަމަވެސް 3 އަހަރު ވެގެން ދިޔައީ ސަރުކާރުން އެކަމަށް އެއްވެސް ހައްލެއް ހޯދައި ނުދީ ކަމަށެވެ. 

އަޅުގަނޑުމެން އެދިއެދި، އާދޭސްކޮށްކޮށް ތިއްބާ، މި ގައުމުގަ ހުރި ހުރިހާ ފައިސާ އެއް އަޅައި، އެތަން ހިއްކާލުމަށް ފަހު އެތަނުގެ ވެސް ފައިދާ ރައްޔިތަކަށް ނުކުރާ ގޮތަށް އެބޭފުޅުންގެ ޖީބަށް ބޮޑުވާގޮތަށް ކުރި މަންޒަރު ފެނިގެން މި ދިޔައީ. އެތަނަށް އެޅި ފައިސާ އަކީ މާލޭގެ ރައްޔިތުންނަށާއި، ރާއްޖޭގެ އެތައް ރައްޔިތަކަށް ބޭސް ފަރުވާކޮށް ދެވޭނެ ފައިސާ. އެތަނަށް އެޅި ފައިސާ އަކީ ރާއްޖޭގެ އެތައް ރައްޔިތަކަށް ގޯތިގެދޮރު އެޅޭނެ ފައިސާ. އެތަނަށް އެޅިހާ ފައިސާ އަކީ ހިއްކާފަ ހުރި ހުރިހާ ތަނެއްގެ މަގު ހެދުމަށާއި ނަރުދަމާ އާއި ފެނާއި މިސްކިތްތަކާއި ސްކޫލްތަކާ އަޅައިގެން މާލޭގެ ރައްޔިތުންނަށް ގޮސް ދިރިއުޅެވޭނެ ހާ ފައިސާ. އެ ހުރިހާ ފައިސާ އެއް އަޅައި، ރައްޔިތުންނަށް ދޭން ހުރި ހުރިހާ ޚިދުމަތެއް ހުއްޓައި ރައްޔިތުން އިތުރަށް ބިކަކޮށް ބަހައްޓާފަ ގޮސްފަ ބޭރުބަޔަކަށް އެތަން އެ ވިއްކާލީ
އާދަމް އާޒިމް

މޭޔަރު އާޒިމް ވިދާޅުވީ އެހެންކަމުން އެމްޑީޕީ އިން ވެރިކަމަށް އަންނާނީ އެކަންކަން ހުއްޓުވައި، ރައްޔިތުންގެ ފައިސާ އިން ރައްޔިތުންނަށް ޚިދުމަތް ދެމުންދާކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ހޯދައިދޭނެ ޕާޓީ އަކީ ވެސް އެމްޑީޕީ ކަމަށް އާޒިމް ވިދާޅުވި އެވެ.