ރަސްމާލޭގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯން މަޝްރޫއާ ގުޅިގެން ހުރި ބޮޑެތި ކަންބޮޑުވުންތަކާ ގުޅޭގޮތުން، އިލްމުވެރިންގެ ގުޅުމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލުކޮށް، އެ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްދެއްވުމަށް އެދިއްޖެ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ މައުލޫމާތު ވަޒީރަށް ވަނީ ތަފްސީލުކޮށް އަރުވާފަ އެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ރަށްވެހިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވޭތީ، އޭގެ ސަބަބުން ރާއްޖޭގެ އިސްލާމީ ވަހްދަތަށާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން އިލްމުވެރިން ވަނީ ހިއްސާކުރައްވާފަ އެވެ. މީގެއިތުރުން، ރާއްޖޭގެ އިޤްތިސާދީ އަމިއްލަވަންތަކަމަށާއި ދިވެހި ސަޤާފަތަށް ކޮށްފާނެ ނުރައްކާތެރި އަސަރުތަކާމެދު ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައިވާނެ ކަމަށް އިލްމުވެރިންގެ ގުޅުމުން ވަނީ ބުނެފަ އެވެ.

އިލްމުވެރިންގެ ގުޅުމުން ހާމަކުރި ގޮތުގައި، މި ކަންބޮޑުވުންތައް ވަޒީރަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ކަމާބެހޭ އެކި ފަރާތްތަކުން މިހާތަނަށް އެ ޖަމްއިއްޔާއިން އެއްކޮށްފައިވާ ގިނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. 

އެހެންކަމުން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަނީ، މި މަޝްރޫއާ ގުޅިގެން ފާހަގަކުރެވުނު ހުރިހާ ނުރައްކާތަކާއި ކަންބޮޑުވުންތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި ހިއްސާކޮށްދެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން އިލްމުވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް، އިލްމުވެރިންގެ ގުޅުމުން ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު، އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާ އަދި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލު ކުރައްވާފަ އެވެ. 

ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް އަށް 99 އަހަރަށް ދިން މައްސަލާގައި ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.