ރަސްމާލެ އެއްބަސްވުމުގެ މައްސަލައަކީ މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަ ކަމަށާއި، އެ މައްސަލަ ބަލައިނުގަތުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެން ނުވާ ކަމަށް ގާނޫނީ ވަކީލު އަދި މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ރަސްމާލެ އެއްބަސް ވުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނީ ބެންޗުން އަޑުއެހުންތަކެއް ބޭއްވުމަށް ފަހު ކަމަށެވެ. އަދި މި މައްސަލަ ބަލައި ނުގަތުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެން ނުވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. 

އަލީ ހުސައިން ވިދާޅުވީ ރަސްމާލެ އެއްބަސްވުމުގެ މައްސަލައަކީ މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަ ކަމަށާއި، ފަނޑިޔާރުންގެ މަޖިލީހުގައި މި ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. 

ރަސްމާލެ ތަރައްޤީކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ "ކޮމާޝަލް ޓާމްސް އެގްރީމަންޓް" ގެ ސައްހަކަމާ މެދު ސުވާލު އުފައްދައި، އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ވަނީ އެ ކޯޓުން ބޭރުކޮށްލާފަ އެވެ. 

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ދެމެދު 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދުސްތޫރީ ސައްހަކަމާ މެދު ސުވާލު އުފައްދައި، ސުޕްރީމް ކޯޓަށް މި ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލީ ހުސައިން އެވެ.

މައްސަލަ ބޭރުކޮށްލާފައިވަނީ އެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ނުވާތީ، މައްސަލަ ބަލައިގަނެވެން ނެތްކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ބޭރުގެ ފަރާތަކަށް 99 އަހަރުގެ މުއްދަތަށް އެއްފަހަރާ ކުއްޔަށް ދިނުމަށް ދައުލަތަށް ބާރުލިބޭ އެއްވެސް ޤާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ޤާނޫނީ ބާރެއް ނެތި، ބޭރުގެ ފަރާތްތަކަށް މިފަދަ ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމަށް އެކުލަވާލާ ކޮންމެ އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ސީދާ ޚިލާފު ކަމެއް ކަމަށްވެސް މި މައްސަލައިގައި ވަނީ ބުނެފަ އެވެ.