ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކި ކޮށްލީ ފަޅި ސިކުންތެއް ތެރޭގައި ކަމަށާއި، އެކަން ކުރެއްވި މެންބަރުން ޖިނާއީ އިޖުރާތާއި ޝަރުއީ ނިޒާމޭ ކިޔާ "އަނގަފުޅާ" ކުރަން ލަދުގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ފޮނި މީރުކަން ދިވެހި ރައްޔިތުންނަށް ލިބޭނީ ހެޔޮ ނިޔަތުގައި މިކަންކޮށް ފަނޑިޔާރުގެ ސިޔާސީ ނުފޫޒުން މިނިވަންވި ދުވަހަކުން ކަމަށެވެ. 

ކޮންމެ ވެރިކަމަކަށް ކޮންމެ ބޭފުޅަކު ވަޑައިގަންނަވަމުން ވެސް ޖުޑިޝަލް ސަރވިސް ކޮމިޝަން މިނިވަން ކުރާނެ ކަމަށާއި ދިވެހި ދިދައަށް ގައްދާރު ނުވާނެ ކަމަށް ވިދާޅުވާ ކަމަށް މެންބަރު އައްބަސް ފާހަގަކުރެއްވި އެވެ. ނަމަވެސް ޖުޑިޝަލް ސަރވިސް މިނިވަން ކުރީ ކޮން ވެރިކަމެއްގައިތޯ އައްބަސް ވަނީ ސުވާލުއުފައްދާފައި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސެކްރިއޭޓުން ވެސް އެ އިރެއްގައި އޮންނަ މަޖިލީހުގެ މެޖޯރިޓީ ހިތާ ނުވާ ގޮތަކަށް ކަންކަން ކޮށްފި ނަމަ ފިޔަ ކޮށާލައި، އަނިޔާވެރިކަމާއެކު ބޭރުކޮށްލާ ކަމަށް މެންބަރު އައްބަސް ވިދާޅުވި އެވެ. 

މެންބަރު އައްބާސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ބޭރުކުރަން މަސައްކަތް ކުރި މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ހުށަހެޅިގެން އަންނައިރު، ދާދި މިދާކަށް ދުވަހު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުންނާއި ދޭތެރޭގައި ލޮލަށް ނުފެންނަ ހެއްކެއް ނެތް ކަމެއްގައި 10 މިނެޓް 15 މިނެޓް ތެރޭގައި އަމަލުކުރެއްވި ގޮތް ވިސްނަވާލައްވާ، ނަޒާހަތްތެރި، ތައުލީމީ ޒުވާން ގާބިލް، ހިދުމަތްތެރި ދެ ފަނޑިޔާރަކު ސްޕްރީމް ކޯޓުން ބޭރުކޮށްލީ ފަޅި ސިކުންތެއްގެ ތެރޭގައި، މި އިއްޒަތްތެރި މަޖިލީހުން، މި އިއްޒަތްރެރި މަޖިލީހުގައި އެކަން ކުރެއްވި ބޭފުޅުނަކަށް މިއަދަކު ޖިނާއީ އިޖުރާތުގެ ގާނޫނޭ އަދުލު އިންސާފޭ، ޝަރުއީ ނިޒާމޭ ކިޔާފަ އަނގަފުޅާ ކުރަން ލަދު ގަންނަން ޖެހޭނެ އިއްޒަތްތެރި ރައީސް. އެއީ ދިވެހި ރައްޔިތުންނަށް ކުރި މަލާމާތެއް ފުރައްސާރައެއް. 
މުހައްމަދު އައްބާސް 

މެންބަރު އައްބާސް ވިދާޅުވީ މި ކުޑަކުޑަ ބޭނުމެއްގައި ނުވަތަ މިއީ ވަކި މީހަކު ޖަލަށް ލާން ގެނެވޭ އިސްލާހެއް ކަމުގައި ވާނަމަ މުޅި ދިވެހި ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ނުލިބޭނެ ކަމަށެވެ. 

މީގެ އިތުރުން، އައްބަސް ވަނީ ރަށްރަށުގައި މަޝްރޫއުތައް ނުހިނގާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ،  މިނިސްޓަރަކު ރަށަކަށް ވަޑައިގެންފިނަމަ ދަނީ ރޮމާ ދުވާލު ދޮގު ހަދަމުން ކަމަށް ވިދާޅުވެފަ އެވެ.