ގްރޭޑް އެކެއްގެ ދަރިވަރުންގެ މަންހަޖަށް ގެންނަ ބަދަލުތައް ސްކޫލްތަކާއި، ޕްރިންސިޕަލުންނާއި އަދި ޓީޗަރުންނަށް ވެސް ހިއްސާ ނުކުރާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ޔައުގޫބު އަބްދުﷲ ވާހަކަދައްކަވަމުން ވަނީ މިހާރު ގްރޭޑް އެކަކަށް ގެންނަން ނިންމާފައިވާ ބަދަލުތައް ގެންނަނީ މިއަަންނަ އަހަރުކަން ފާހަގަކުރައްވާފައި އެވެ. އަދި މިއަހަރު ނިމެންދާއިރު ވެސް މަންހަޖަށް ގެންނަން ނިންމާފައިވާ އެއްވެސް ބަދަލެެއް ހިއްސާކޮށްފައި ނެތުމުން ޔައުގޫބު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ. 

އަޅުގަނޑުމެންނަށް މިވަގުތާއިި ހަމައަށް ލިބިފައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި ޓީޗަރުންނާއި ހަމައަށް މި ގެންނަ ބަދަލުތަކުގެ ވާހަކަތައް ދައްކަން އޮތީ ވެސް އެންމެ އަވަހަށް ނޮވެންބަރު ނިމޭހާތާގައި. އެއީ ނޮވެންބަރު ފަހުކޮޅު އެއީ ގާތްގަނޑަކަށް ސްކޫލްތަކުގެ އެންމެ ފަހު އެގްޒާމްގެ ދުވަސްކޮޅު، އެ މުއްދަތުގެ ތެރޭގައި ޓީޗަރުންނަށް އެ މައުލޫމާތު ހިއްސާކުރިއަސް މިއަށް ތައްޔާރުވެ ޖެހިގެން އަންނަ އެކަޑަމިކް އަހަރަށް ތައްޔާރުވުމަށް ޓީޗަރުންނަށް އެއްވެސް ވަގުތެއް ނޯންނާނެ
ޔައުގޫބު އަބްދުﷲ

ނޮވެންބަރު މަހަކީ ޓެސްޓު ދުވަސްވަރަށް ވުމުން އެ މުއްދަތުގެ ތެރޭގައި ޓީޗަރުންގެ މަސައްކަތްތައް ދާނީ ދަރިވަރުންގެ ޓެސްޓުތަށް މާކް ކުރުމާއި އެސެސް ކުރުމުގައި ކަމަށް ޔައުގޫބު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ސްކޫލް ބަންދަށް ގޮސްފައި، ޖެނުއަރީގައި ސްކޫލް ހުޅުވޭއިރު ގްރޭޑް އެކެއްގެ ދަރިވަރުންގެ އައު މަންހަޖަށް ތައްޔާރުވުމުގެ ފުރުސަތު ޓީޗަރުންނަށް ނުލިބޭ ކަމަށް ޔައުގޫބު ވިދާޅުވި އެވެ. 

އެހެންކަމުން ޓީޗަރުން ކިޔަވަދޭން ޖެހޭނީ ރަނގަޅަށް ތައްޔާރު ނުވެ ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންނަށް ލިބެން ޖެހޭ ކޮލިޓީ އެޑިއުކޭޝަން ނުލިބޭނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ. ހަމައެއާއެކު މިގެންނަ ބަދަލަކީ ދާއިރާގެ ތަޖުރިބާ ހުރި އެއްވެސް ފަރާތަކާއި މަޝްވަރާ ނުކޮށް ގެންނަ ބަދަލެއް ކަމަށް ޔައުގޫބު ވިދާޅުވި އެވެ. 

މީގެ އިތުރުން، ކުރީ ސަރުކާރުގައި ގްރޭޑް އެކަކުން ގްރޭޑް ފަހެއްގެ ދަރިވަރުންގެ މަންހަޖަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ ޔައުގޫބު  ވިދާޅުވީ، ގްރޭޑް އެކަކުން ފެށިގެން ގެންނަ ބަދަލު ގްރޭޑް 10 ނިމެންދެން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިސަރުކާރުން އެ ބަދަލުތައް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ފެނިގެން ދަނީ އަނެއްކާ ވެސް އަލުން ގްރޭޑް އެކެއްގެ ދަރިވަރުންގެ މަންހަޖަށް ބަދަލު ގެންނަ މަންޒަރު ކަމަށް ޔައުގޫބު ވިދާޅުވި އެވެ. 

ވަރަށް ސިއްރިޔާތުގައި ސިއްރު މަސައްކަތެއް ގޮތުގައި ކުރަމުންދާތަން މިފެންނަނީ. އެހެންނަމަވެސް މިހާރު މީގެ ނަތީޖާއަކަށް މިވަނީ މިހާރު ގްރޭޑް އެކަކުން ފަހަކަށް ކިޔަވާ ކުދިން މިގެނެސްފައި ކުރީގައި ގެނެސްފައި ހުރި ބަދަލުތައް، އެ ބަދަލުތަކުގައި ކިޔަވަމުން ގޮސްފައި އަނެއްކާ ގްރޭޑް ހަޔަކުން ފެށިގެން މި ރުޖޫއަ ވަނީ އެ ބަދަލު ގެންނަން ޖެހި އަދި މިވަގުތާއި ހަމައަށް ބަދަލުނުވެވި އޮތް ކަރިކިއުލަމްއަށް
ޔައުގޫބު އަބްދުﷲ

މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ޔައުގޫބު ވަނީ ވިދާޅުވެފަ އެވެ. ހަމައެއާއެކު ޔައުގޫބު ވަނީ ސްކްލޫތަކަކީ ހަމައެކަނި ކިޔަވައިދީފައި ނިންމާލެވޭނެ ތަނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ގެންގުޅޭ ސިޔާސަތުގެ ސަބަބުން ސްކޫލްތަކުގައި ތައުލީމާއި އިތުރު ހަރަކާތްތައް ބެލެންސްކޮށް ގެންދެވޭނެ މަގެއް ނުފެންނަކަން ޕްރިންސިޕަލުން ފާހަގަކުރާ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.