ނުހައްޤު
މުއްސަނދިކަމާބެހޭ ބިލަކީ ރިޔާސީ އިންތިޚާބާ ދިމާކޮށް، މަޖިލިސް މެންބަރުންނާއި
ވިޔަފާރިވެރިންނަށް ބިރު ދައްކައި، ބްލެކްމެއިލް ކުރުމަށް ސަރުކާރުން ރާވައިގެން
ހުށަހަޅާފައިވާ ބިލެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ވިދާޅުވެއްޖެ އެވެ.

އަންގާރަ
ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މީކާއީލް ވިދާޅުވީ، އަނެއްކާވެސް މަޖިލީހުގެ މެންބަރުން
އަމިއްލަ ފިޔަ ކޮށާލުމުގެ މަރުހަލާއެއް ފެށިފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ބަދަލާ ގުޅިގެންވެސް
މިއަދު މެންބަރުން ތިބީ ބަނދެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީކާއީލް
ވިދާޅުވީ ނުހައްޤުން މުއްސަނދިކަން ހޯދުމާ ގުޅޭ ބިލަކީވެސް މަޖިލީހުގެ މެންބަރުންނާއި
ވިޔަފާރިވެރިންނަށް ބިރުދައްކައި ބްލެކްމެއިލް ކުރުމަށް ސަރުކާރުން ރާވައިގެން ހުށަހަޅާފައިވާ
ބިލެއް ކަމަށެވެ. އެ ބިލުގައި ކުށް ސާބިތުނުވާ ހާލަތުގައިވެސް މުދާ ދައުލަތަށް ނެގޭ
ހާލަތްތަކެއް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނުވިތާކަށް
އެމީހުންނަށް ފަނޑިޔާރުގޭގައިވެސް އެމީހުންގެ ދިފާއުގައި މަސައްކަތް ނުކުރެވޭ ގޮތަށް
މިހާރު އަނެއްކާވެސް ސިއްރު ހެއްކާ ގުޅޭ ކަންކަން ހިމަނައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް
އިސްލާހު ހުށަހަޅާފައިވާކަމަށް މީކާއީލް ވިދާޅުވި އެވެ.

މީކާއީލް
ވިދާޅުވީ މި ހުރިހާ ބިލްތަކެއް ވެސް ހުށަހަޅާފައި މިވަނީ ސިޔާސީ ބޭނުމެއް ހާސިލްކުރުމަށް
ކަމަށާއި މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަން ހިފެހެއްޓުމަށް ކުރާ
ބޮޑު ހުރަހެއް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ 131 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ފަނޑިޔާރަށް
ގަބޫލުކުރެވިއްޖެ ހިނދެއްގައި އެ ހެއްކެއް ހާމަނުކުރުމަށް ނުވަތަ ހާމަކުރުން ފަސްކުރުމަށް
ނުވަތަ ކަނޑައެޅޭ ވަކި ޝަރުތުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިހުތިޔާރު ކޯޓަށް
ލިބިގެންވާ ކަމަށެވެ.

އެގޮތަށް
ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ސަބަބުތަކުގެ ގޮތުގައި އެ އިސްލާހުގައި ހިމަނާފައި
ވަނީ އެ ހެއްކެއް ހާމަކުރުމުގެ ސަބަބުން އިތުރު ކުށެއް ކުރުމަށް މަގުފަހިވުމާއި، ކޯޓުގެ
ހުރުމަތް ކެނޑޭ ފަދަ އަމަލު ހިންގުމުގެ އިތުރުން، އެ ހެއްކެއް ހާމަކުރުމުގެ ސަބަބުން
ދައުވާ ލިބޭ ފަރާތް ނޫން ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތެއް ހާމަވެދާނެ ފަދަ ހާލަތެއް
މެދުވެރިވުން ފަދަ ކަންކަމެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް ނުވަތަ
މިންގަނޑެއް ބިލުގައި ހިމަނާފައެއް ނުވެ އެވެ.