ރަސްމާލެ ތަރައްޤީކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ "ކޮމާޝަލް ޓާމްސް އެގްރީމަންޓް" ގެ ސައްޙަކަމާ މެދު ސުވާލު އުފައްދައި، އާންމު މަސްލަޙަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ދެމެދު 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދުސްތޫރީ ސައްޙަކަމާ މެދު ސުވާލު އުފައްދައި، ސުޕްރީމް ކޯޓަށް މި ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލީ ހުސައިން އެވެ.

މި އެއްބަސްވުމުގެ ފުރިހަމަ އިބާރާތާއި ތަފްސީލުތައް ހާމަކުރުމަށް ދިވެހި ސަރުކާރުން ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް، ސަރުކާރާއި އީގަލް ހިލްސް ކުންފުނިން އާންމުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން އަންނަނިވި ކަންކަން ހިމެނޭކަން ހާމަވާކަން މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލް އަލީ ހުސެއިން ވަނީ ފާހަގަ ކުރައްވާފަ އެވެ.

މައްސަލަ ބޭރުކޮށްލާފައިވަނީ އެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ނުވާތީ، މައްސަލަ ބަލައިގަނެވެން ނެތްކަމަށް ބުނެ އެވެ.

މައްސަލައިގެ ފަސްފަހަތް:

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ނުވަތަ ފައިސާއެއް ދޫކޮށްލަންވާނީ ނުވަތަ ވިއްކަންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ އެ ނޫންވެސް ގޮތަކަށް އޭގެ މިލްކުވެރިކަން ބަދަލުކުރަންވާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ބޭރުގެ ފަރާތަކަށް 99 އަހަރުގެ މުއްދަތަށް އެއްފަހަރާ ކުއްޔަށް ދިނުމަށް ދައުލަތަށް ބާރުލިބޭ އެއްވެސް ޤާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ޤާނޫނީ ބާރެއް ނެތި، ބޭރުގެ ފަރާތްތަކަށް މިފަދަ ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމަށް އެކުލަވާލާ ކޮންމެ އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ސީދާ ޚިލާފު ކަމެއް ކަމަށްވެސް މި މައްސަލައިގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެ ބިމުގެ މައްޗަށް ތިންވަނަ ފަރާތްތަކުގެ ޙައްޤުތައް ދާއިމީކޮށް އުފެއްދުމުގެ ބާރު އީގަލް ހިލްސްއަށް ދިނުމަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާތަކުގެ ޤާނޫނީ ސައްޙަކަމާ މެދުވެސް މި މައްސަލައިގައި ސުވާލު އުފައްދާފައިވެ އެވެ. ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ނުވަތަ ކުލީގެ ޙައްޤު ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން، ވަކި މުއްދަތެއް ނެތް ގޮތަށް (ދާއިމަށް) ރާއްޖޭގެ ބިމުގެ މައްޗަށް ބޭރުގެ ފަރާތްތަކަށް މިލްކުވެރިކަމުގެ މަސްލަޙަތުތައް ލިބިގެންދާނެ މަގެއް ފަހިވެގެންދާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، މި އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ސީދާ ޚިލާފު އެއްބަސްވުމެއް ކަމަށްވާތީ، މިއީ ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.

އެހެންނަމަވެސް ކޯޓުން މިހާރު މިވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ.