މާލެ ސިޓީ ކައުންސިލުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމު ރަނގަޅުކުރަން ދިރާސާއެއް ހަދާ އެކަން ތަންފީޒު ކުރަން އުޅުމުން، މިސަރުކާރުން އޭތި އަތުލައިގަނެފައިވާ ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާރްޓީއެލް ބަހުގައި ދަތުރުކުރާ ފަރާތްތަކާއެކު ދަތުރުކުރައްވާ އެފަރާތްތަކުގެ ޝަކުވާ އަޑުއެއްސެވުމަށްފަހު ދެއްވި އިންޓަވިއުގައި މޭޔަރު އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ހެދި ދިރާސާގެ ދަށުން ބަހުގެ ހިދުމަތް ރަނގަޅު ކުރިނަމަ މިއަދު ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް އެތައް މަސައްކަތްތަކެއް ކުރެވުނީސް ކަމަށެވެ. 

މިހާރު މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ބޭނުން ކުރާ މީހުން ގިނަކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އުޅުމުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައްދަލުކުރައްވާ އެކަން ނުކޮށް ބަހުގެ ހިދުމަތް ރަނގަޅު ކުރަން އެދުނު ކަމަށް އާޒިމް ވިދާޅުވި އެވެ. 

ސްޓަޑީ ވެސް އަޅުގަނޑުމެން ދިނިން ދިނީމަ ވެސް ބަސްނާހާ ބަހާއި އެއްޗެހި މިތަނަށް ނުގެނެސް މިއަދު ޓެކްސީތަކެއް ގެނެސްގެން އެ ޓެކްސީތަކުގެ ހިދުމަތްތައް ވެސް ނުލިބި އެ ޓެކްސީތަކަށް މިއަދު ދައުލަތުގެ ބަޖެޓުން ޓެކްސީއަށް ފައިސާ ދީގެން ހިންގަމުންދާ މަންޒަރު ތިބޭފުޅުންނަށް ތިފެންނަނީ
އާދަމް އާޒިމް 

މީގެ އިތުރުން، މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، އެތަން ހިންގި ގޮތުން މިއަދު މިގައުމުގެ އެއްވެސް ކަމެއް ރައީސް މުއިއްޒުއަށް ރަނގަޅު ނުކުރެވޭނެކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި މާލެ ސަރަހައްދުގެ ޓްރާންސްޕޯޓް ހަރުދަނާ ވެގެން ދާނެ ކަމަށެވެ.