ކައުންސިލް އިންތިހާބާއި ދިމާކޮށް ދ. ބަނޑިދޫގައި ފެށި 8 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލްގެ މަަސައްކަތް ހުއްޓިފައިވާތީ ބަނޑިދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ދ. ބަނޑިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ވިދާޅުވީ މި މަޝްރޫއަކީ ކައުންސިލް އިންތިހާބާއި ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއެއް ކަމަށާއި، މިހާރު މި މަޝްރޫއު ހިންގާތަން ހުރީ ކައުންސިލް އިންތިހާބު ނިމި، މަސައްކަތް ހުއްޓުނުއިރު ހުރި ގޮތަށް ކަމަށެވެ.
އެގޮތުން އޭރު މަސައްކަތް ފަށައި 98 ވަޅު ކޮނެފައިވާ ކަމަށް އީސަ ވިދާޅުވި އެވެ. އަދި ވަޅުތަކުގައި މަދިރި ފަނި އަޅައި، މަދިރި އާލާވުމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވަމުން ދާތީ ކައުންސިލްގެ ފަރާތުން މަޝްރޫއު ހިންގާ ފަރާތައް ގުޅައިގެން އެ ވަޅުތަކަށް ފަސްއަޅާފައިވާ ކަމަށް އޭނަ ވިދާޅުވި އެވެ.
މީގެއިތުރުން ފުރަތަމަ ދެއްކި ޗާޓާއި ފަހުން ދެއްކި ޗާޓުގައި މިތަނުގެ ސައިޒްއަށް ބަދަލު އައިސްފައިވާ ކަމަށް އީސަ ވިދާޅުވި އެވެ.
މިތާގެ ބޮޑުމިނަކީ ކުރީގެ ފުރަތަމަ އަޅުގަނޑުމެންނަށް ޗާޓު ދެއްކިއިރު މިތާނގައި އިނީ 77 ފޫޓާއި 150 ފޫޓާއި. ދެން ފަހުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ގޮތުން ވެއްޖެއްޔާ އެއީ ނުބައި ޗާޓެއް ކަމަށް ވަނީ އެއަށްވުރެ ކުޑަކޮށް 47 ފޫޓާއި 100 ކޮންމެވެސް އެއްޗަކަށް ކުޑަވެފައި އިނީއަހުމަދު އީސަ
އީސަ ވިދާޅުވީ މަސައްކަތް ކުރަން އައިސްފައިވާ މުވައްޒަފުން ވެސް އެ ފަރާތްތަކަށް މުސާރަ ނުދިނުމުގެ ސަބަބުން ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ގެނައި ސާމާނުތަކުގެ ތެރެއިން 500 ބަސްތާ ސިމެންތި ވެސް މިހާރު ހުރީ ގަނޑުވެފައި ކަމަށް އީސަ ވިދާޅުވި އެވެ.