ދިވެހިރާއްޖެއަކީ މުޖާހިދުން އުފަންވެފައިވާ ގައުމެއް ކަމަށާއި، މި ގައުމުގައި ޔަހޫދީން ވަޒަންވެރި ވެދާނެތީ އެކަމާ ބިރުގަންނަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

މެންބަރު އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަސްމާލެއިން ހިއްކާފައިވާ ސަރަހައްދުގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުން ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ. 

އެގޮތުން، ދިވެހިރާއްޖެއަކީ ޖިހާދީ ގައުމެއް ކަމަށާއި، ދިވެހިރާއްޖެއަކީ މުޖާހިދުން އުފެންވެފައިވާ ގައުމެއް ކަމަށް މެންބަރު އަސްލަމް ވިދާޅުވި އެވެ. އަދި މިގައުމުގެ ހައްގުގައާއި ދީނުގެ ދިފާއުގައި މުޖާހިދުން ވަނީ މާޒީގައި ތެދުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމަށް ބޭނުންވާ ހިނދު، ސަލާހުއްދީނުލް އައްޔޫބީ، ޖޯޖް ވޮޝިންގޓަން އަދި މަހާތުމާ ގާންދީ ފަދަ ބޭފުޅުން ގައުމަށް ވެވަޑައިގެންފަދަ ގުރުބާނީ ވާނެ އެތައް އަބުތާލުން ދިވެހިރާއްޖޭގައި އުފަންވެފައިވާ ކަމަށް މެންބަރު އަސްލަމް ވިދާޅުވި އެވެ. 

އެހެންކަމުން ޔަހުދީން ވަޒަންވެރިވެދާނެތީ ދިވެހީން ބިރުގަންނަން ނުޖެހޭ ކަމަށް މެންބަރު އަސްލަމް ވިދާޅުވި އެވެ. 

ތަނެއް ގަތީއޯ އިދިކޮޅު މެންބަރުން މި ބުނާ، ކޮންމެވެސް ހިމާރެއް ގަތީޔޯ، އަޅުގަނޑުމެންނަށް ފުރުސަތު އެބައޮތް އެ ހިމާރު މަޖާޒީ ގޮތެއްގައި މިތާ ބައެއް މެންބަރުން ވާހަކަދައްކާތީ އަޅުގަނޑު ވެސް މި ދައްކަނީ، އަޅުގަނޑުމެންނަށް ފުރުސަތު އެބައޮތް އެ އިޒްރޭލު ހިމާރު ގަންނަ ގޭގެ އެއްކޮޅުގައި އިއްޒަތްތެރި މެންބަރު ފިއްޓޭގެ ގެޔެއް ބައިންދާފައި އަނެއްކޮޅުގައި އިއްޒަތްތެރި މެންބަރު ގަފޫރުބޭގެ ގެޔެއް ބައިންދަން. އިޝާ ނަމާދު ނިމޭ ގޮތަށް، އިއްޒަތްތެރި މެންބަރުން ފިއްޓޭ ގެއިން މިއުރާޖު މައުޖޫޖް ޖަހާނީ، އިއްޒަތްތެރި މެންބަރު ގަފޫރު ގެއިން ވަރަށް ބާރަށް ޖަހާނީ ސިޔަރަތު 100 ޕަސަންޓް އެއްކަލަ ހިމާރަކަށް ނޯވެވޭނެ ނިދާކަށް އޭނާ ދާނެ 
މުހައްމަދު އަސްލަމް

މެންބަރު އަސްލަމް މިފަދައިން ވިދާޅުވެފައި މިވަނީ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަކީ އިސްރާއީލާ ގުޅުން އޮންނަ ފަރާތެއްކަން ހާމަވާ ފަދަ އިންޓަވިއުތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، އެކަމާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ވަގުތެއްގަ އެވެ.

މި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިންޓަވިއުއެއްގައި އަލައްބާރު ވިދާޅުވީ، ޣައްޒާ އަލުން އާރާސްތުކުރުމާ ބެހޭގޮތުން އެއްވެސް ފަރާތަކުން އޭނާއާ މަޝްވަރާކޮށްފައިނުވާ ކަމަށެވެ. އަދި އޭނާ ގަބޫލުކުރާ ފަލްސަފާއަކީ ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.