ވ. އާރަށު މައްސަލައިގެ އަޑުއެހުމެއް ހޯމަ
ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.

އަޑުއެހުމާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި ހޯމަ ދުވަހުގެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ
ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތް ނިންމުމެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް
ހުށަހެޅިއިރު ދައުލަތުގެ
ވަކީލު އަހުމަދު ޝަފީއު ވަނީ ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅާފައިވާ ބައެއް
ޝަފަހީ ހެކި ބަލައިނުގަތުމަށް އެދިފަ އެވެ. އެއީ ރައީސް ޔާމީނު ކުރެއްވީ ޑޮލަރު
މާރުކުރުމުގެ މުއާމަލާތެއްކަން ސާބިތު ކޮށްދިނުމަށް ރައީސް ޔާމީނުގެ ފަރާތުން
ހެކީގެ ގޮތުގައި ހުށަހެޅި މީހުންނެވެ.

ޑޮލަރު މާރުކުރުމާ ގުޅޭގޮތުން ޔާމީނު
ހުށަހެޅުއްވި މި ދިފާއު ބަލައިނުގަތުމަށް ދައުލަތުން ޝަރީއަތުގެ ކުރީގެ
ހުށަހެޅުމެއްގެ ގޮތުގައި އެދިފައިވެ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ
ހަގީގަތުގައި ވެސް ޑޮލަރު މާރުކުރުމާ ގުޅޭ މުއާމަލާތެއްނަމަ، ތަހުގީގުގައި އެ
ވާހަކަ ވިދާޅުނުވެ ހަނު ހުންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ތަހުގީގުގައި
ދައްކާ ވާހަކަ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރައްވަފާނެކަމަށް ބެލެވޭ ސަބަބެއް
ދަށު ކޯޓާއި ހައިކޯޓުގެ މަރުހަލާގައި ވެސް ރައީސް ޔާމީނުގެ ފަރާތުން
ދެއްކިފައިނުވާކަމަށް ވަކީލު ވިދާޅުވި އެވެ.

އެ ހުށަހެޅުން ޝަރީއަތުން ވަނީ ބަލައިގެންފަ
އެވެ.

ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅި
ހުށަހެޅުންތަކުގެ ތެރޭގައި ދައުލަތުގެ ބައެއް ހެކި ބަލައިނުގަތުމަށް އެދި ހުށަހެޅި
ހުށަހެޅުން ހިމެނެއެވެ. އޭގެ ތެރެއިން ޝަރީއަތުން ބަލައިގަތީ ހަމައެކަނި ދިއްގަރު
ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއަކީ އާރަށު މައްސަލައިގެ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް
ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ
ގާޒީ އަލީ ނަދީމު އެވެ. މި އަޑުއެހުމުގައި
ރ ފުއްގިރި މައްސަލައިގައި ދައުލަތުން ޚުލާސާ ބަޔާން އިއްވުންވެސް ވަނީ ކުރިއަށް
ގެންގޮސްފަ އެވެ.

އެހެންކަމުން ފުއްގިރި މައްސަލައިގައި ދެން
އޮންނާނީ ދިފާއުގެ ޚުލާސާ ބަޔާން އިއްވުމެވެ.