މާލެސިޓީގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވަރކެއް އަތުލައިގަނެ 3 މީހަކު ހައްޔަރުކޮށްފި އެވެ. 

ހޯމަ ދުވަހު ފުލުހުން ބުނީ، މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވަރވޯކަކަށް އަމާޒުކޮށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރުގައި ހުންނަ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. 

ކައުންޓަރ ނަރކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ބަލައިފާސްކޮށްފައިވަނީ ހ. މާދޫގެ  ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާ ކަމަށް ފުލުހުން ބުނެ އެވެ. 

މި އޮޕަރޭޝަނާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ، މި އޮޕަރޭޝަންގައި މާލެތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ. މިއީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. 

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ދޭތެރެދޭތެރެއިން ރާއްޖޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑެތި ނެޓްވޯކެއް އަތުލައިގަނެ އެވެ. އަދި މިފަދަ ނެޓްވޯކްތަކުގައި ބިދޭސީން ވެސް ހައްޔަރުކޮށްފައިވެ އެވެ.