ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް، 2026 އޮކްޓޫބަރު 10 ވީ ދުވަހު ހޫޘީ ހަނގުރާމަވެރިން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ. 

އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ސަތޭކައަށްވުރެ ގިނަ އާންމު ރައްޔިތުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އާންމު ރައްޔިތުންނާއި ގައުމީ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށްދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށާއި މިއީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކާތެރި ބިރެއް ކަމުގައި ވެސް ދިވެހި ސަރުކާރުން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސައޫދީ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް، އަދި މި ހަމަލާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އިޚްލާސްތެރި ތައުޒިޔާ ރައްދުކުރާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

 މީގެއިތުރުން، ސައުދީ އަރަބިއްޔާގެ ސަލާމަތާއި އިސްތިގުލާލާއި އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ އަރުވާފަ އެވެ.