ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހަކު 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކ. މާފުށީ، ސްނޯސްކައި، އަހުމަދު ފާރިޒް (26 އަހަރު) އެވެ. އޭނާ ބަންދުގައި ބަހައްޓަންވީ ތަނެއްގެ ގޮތުގައި ކޯޓުން ކަނޑައަޅާފައިވަނީ ކަސްޓޯޑިއަލް ޖަލުގަ އެވެ. 

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ފާރިޒް ބަންދުގައި ބެހެއްޓުމަށް ނިންމީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ކުށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުދޭ އެކަށީގެންވާ މިންވަރުގެ ހެކި ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސީންއަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި، ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓާއި، ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތައް ހިމެނެ އެވެ.

މި ހާދިސާ ހިނގި ގޮތާ ގުޅޭގޮތުން ފުލުހުން ކޯޓުގައި ބުނެފައިވަނީ، ފާރިޒް ސައިކަލު ދުއްވަމުން ދިޔައީ ތަކުރާރުކޮށް މަޑުކުރަން އެންގުމުން ވެސް އެއަށް އިޖާބަ ނުދީ، ވަންވޭއާ ޚިލާފަށް ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލު ފުލުހުންގެ ކާރުގައި ޖައްސައި، ގޭނިގެންދާ ގޮތަށް ވެސް ދުއްވާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ފާރިޒް ކޯޓުގައި ބުނެފައިވަނީ ފުލުހުންގެ ކާރުގައި ސައިކަލުން ޖެއްސީ ނޫން ކަމަށާއި، ފުލުހުން އޭނާގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލީ ކަމަށެވެ.

މީގެ އިތުރުން، ފާރިޒް ހެލްމެޓް ނާޅައި ސިނަމާލެ ބްރިޖް މަތިން ސައިކަލު ދުއްވި ކަމަށާއި، އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. މަސްތުގެ ހާލަތުގައި ހުރެ އުޅަނދު ދުއްވުމަކީ ދުއްވާ މީހާގެ ފުރާނައަށާއި މަގުމަތީގައި އުޅޭ އެހެން މީހުންގެ ފުރާނައަށް އޮތް ނުރައްކަލެއްކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް ސައިކަލު މަތީގައި އޮށޯވެގެން އޮވެ ސައިކަލު ދުއްވި ކަމަށް ކުރެވޭ ތުހުމަތަށް ފާރިޒް ވަނީ އިންކާރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ނެރުއްވި މި އަމުރުގައި، ފާރިޒް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށްފަ އެވެ. މި ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހަށެވެ.