ފުށިދިއްގަރު ފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން ކަމަށާއި، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން މެންބަރު ޝާކިރު ވިދާޅުވީ، މިހާރު ދިވެހިރައްޖޭގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިކަން ބީއެމްއެލްއިން އެމްއައިބީއަށް ފައިސާ ޓްރާންސްފަރ ކުރަން ބެލި ނަމަވެސް ނުވަތަ ޓީޓީއެއް ހެއްދަން ބެލިއަސް ފެންނަ ކަމަށެވެ. އަދި މިކަންކަމުން ޑޮލަރުގެ ދަތިކަން އުޅޭކަން އެނގޭ ކަމަށް މެންބަރު ޝާކިރު ވިދާޅުވި އެވެ. 

ޝާކިރު ވިދާޅުވީ، މިހާލަތަށް ރާއްޖެ ދިއައީ ދައުލަތުގައި ހުރި ފައިސާ ފުށިދިއްގަރު ފަޅު ހިއްކުމަށް މިސަރުކާރު ފެށުނިއްސުރެ ބޭނުން ކުރަމުން ދިޔުމުން ކަމަށެވެ. އަދި އާންމު ދިރިއުޅުމުގައި ދިމާވެފައިވާ ހުރިހާ ދަތިތަކެއް އަންނަނީ ރަސްމާލެ މަޝްރޫއުއިން ކަމަށް މެންބަރު ޝާކިރު ވިދާޅުވި އެވެ.

އެގޮތުން، ރަސްމާލެ ހިއްކުމަށް ފައިސާ ހަރަދުކުރަމުންދާއިރު، ރަށްރަށުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ކުރިއަށްނުގެން ދިޔުމާއި، އެއްވެސް ވަރަކަށް ރަށްރަށުގައި މަޝްރޫއުތައް ނުހިނގާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ހުރި ކަމަށް މެންބަރު ޝާކިރު ވިދާޅުވި އެވެ.    

މި ހިސާބަށް އައިރު އޭގައި ހުރިހާ ދިވެހި ރައްޔިތުންގެ ބައިވެރިވުން މިއޮތީ ރުހުމުގައި ވިޔަސް ނުރުހުމުގައި ވިޔަސް އޭގައި ބައިވެރިވެގެން އަހަރެމެން މިތިބެނީ. ތިބެފައި ދެން ކުއްލިއަކަށް ހަމަ މިއަންނަނީ ގޮތް ނޭނގޭ ބައެއް ރައްޔިތުން މިބުނަނީ މީ ކިހިނެއް ވާ ކަމެއް ކަން ކިޔާދޭށޭ. އޭގައި އެހަރަ ކަންކަން ސާފުކޮށްދޭށޭ. އެކަމަކު އެއްވެސް އެއްޗެއް ސާފުކުރުމެއް ނެތި ކުޑމިނުން އަޅުގަނޑުމެން އަތުން މި ލީ ލާރި، އެ ލާރި ކުޑަމިނުން ލިބޭ ކަމެއް ވެސް ނޭނގޭ
އަހުމަދު ޝާކިރު 

ރަސްމާލެ ހިއްކަން ހަރަދުކޮށްފައިވާ ކަމަށް މި ސަރުކާރުގެ ވަޒީރުން ވިދާޅުވާ އަދަދުތައް ދިމާނުވާކަން ފާހަގަކުރައްވާ މެންބަރު ޝާކިރު ވިދާޅުވީ އޭނަ އަންދާޒާކުރާ ގޮތުގައި 800 އެއްހާ މިލިއަން ރުފިޔާ ރަސްމާލެ ހިއްކުމަށް ހަރަދުކޮށްފައިވާނެ ކަމަށެވެ.  

މެންބަރު ޝާކިރު ވަނީ ރަސްމާލެ މަޝްރޫއު މިއީ ކިހިނެއްވާ ކަމެއް ތޯ، ވަނީ ކޮން ކަމެއްތޯ އަދި މީގެން ދައުލަތަށް ވަންނަނީ ކިހާ ފައިސާއެއްތޯ ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށް ވިދާޅުވެފަ އެވެ.