ފ. ނިލަންދޫގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި މިސްކިތުގެ އަމަލީ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނިލަންދޫ ކައުންސިލްގެ މެންބަރު އަހުމަދު ޝަފީގު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ މި ޕްރޮޖެކްޓުގެ މަސައްކަތް ކުރީ ސަރުކާރު ނިމުނުއިރު އަދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ހަމައަށްވެސް ކުރިއަށް ދިޔަ ކަމަށެވެ.

އެގޮތުން ވެރިކަން ބަދަލުވިއިރު މިސްކިތުގެ ރޭނުމާއި ސިމެންތި ޖެހުމުގެ ބޮޑުބައެއް ނިމި، އޭގެ ފަހުން މިސްކިތުގެ މަތީގައި ހަދާފައިވާ ބޯޑަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އިންތިޚާބަށްފަހު މަސައްކަތް މިހާރު އެއްކޮށް ހުއްޓިފައިވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.

މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާލާ ކުންފުންޏާ ކަމަށްވާއިރު، މަސައްކަތް ހުއްޓުނު ސަބަބާ މެދު ސަރުކާރާއި ކޮންޓްރެކްޓަރާ ދެމެދު ދައްކާ ވާހަކަ ދިމާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކައުންސިލުން މިނިސްޓްރީއާ ބައްދަލުކުރުމުން، ކުންފުންޏަށް ދޭންޖެހޭ ފައިސާ ދީފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ރަށުގައި ތިބި ކުންފުނީގެ މުވައްޒަފުންނާ ސުވާލުކުރުމުން މަސައްކަތް ހުއްޓިފައިވަނީ ފައިސާ ނުލިބިގެން ކަމަށް ބުނާ ކަމަށް ޝަފީގު ވިދާޅުވި އެވެ.

މި މަސައްކަތް ހުއްޓިފައިވާތީ ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ކަންބޮޑުވުން އޮތްއިރު، މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެންދާ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.