ސޯޝަލް ހައުސިންގގެ ކުލީގައި ހުރި ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަން ގާއިމުކުރުމަށް ފަހި ޔޫނިއަނުން ގޮވާލައިފި އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވީ، ސޯޝަލް ހައުސިންގގެ ދަށުން ދޫކޮށްފައިވާ އެކި ފްލެޓްތަކުގެ ކުލީގައި ހުރި ތަފާތުތައް ނައްތާލައި، ހުރިހާ ފްލެޓެއްގެ ކުލި ވެސް ކުޑަކޮށް ހަމަހަމަކަން ގާއިމް ކޮށްދޭން ޖެހޭ ކަމަށާއި، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެއީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ނޫރައްދީން ވިދާޅުވީ ހިޔާ ފްލެޓާއި އެހެނިހެން ސޯޝަލް ހައުސިންގ ފްލެޓްތަކަކީ އަޅާކިޔަން ބޭނުންވާ ތަންތަން ނޫން ކަމަށާއި، ނަމަވެސް ކަންކަން ހިނގަމުންދާ ގޮތުން އެފަދަ އަޅާކިޔުންތައް އުފެދެމުންދާ ކަމަށެވެ.

އެގޮތުން ހިޔާ ފްލެޓްތަކުގެ އިތުރުން އެހެން ފްލެޓްތަކުގައި ވެސް ދިރިއުޅެނީ ހާލުގައި އުޅޭ ނިކަމެތި ރައްޔިތުންކަން ފާހަގަކުރައްވައި، ހުރިހާ ފަރާތްތަކަށް ވެސް ކުލީގެ ލުއި ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަކީ ކަންބޮޑުވުމެއް ނޫން ކަމަށާއި އެއީ އުފާކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން، ފްލެޓްތަކުގައި ހުރި ތަފާތުކުރުންތައް ނިމުމަކަށް ގެނެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަހަމަކަން ގާއިމުކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނޫރައްދީން ވިދާޅުވި އެވެ.

އެވާ ގޮތަކީ އެއްވެސް ސޯޝަލް ހައުސިންގ، މިވެސް ސޯޝަލް ހައުސިންގ. އަޅުގަނޑުމެންނަށް ރަނގަޅީ އެ ތަނަށްވެސް ހަމަ މި ކުލި ކުޑަ ކުރިކުރި ނޫން ގޮސްފައި އެއްވެސް އެއްޗެއް ދައްކަން ނުޖެހުން. ހިޔާ ފްލެޓު ވެސް. ހަމައެއާއެއްކޮށް މިތާނގައިވެސް ހަމަ ވަރަށް ދަތި ނިކަމެތި ހާލުގައި އުޅޭ ހަމަ ރައްޔިތުން މި އެއްވެސް ރައްޔިތުން މިވެސް ރައްޔިތުން. ހަމަ މި ތަނުގައިވެސް ކުލި ކުޑަ ކޮށްދެއްވަންވީނު. އެހެންވީމާ އަޅުގަނޑުމެން އަނެއްހެން ހިޔާ ފްލެޓުގެ ކުލި ކުޑަވެފައިހުރި ހުރުމާ ގުޅިގެން ކަންބޮޑުވަނީކީއެއް ނޫން. އަޅުގަނޑުމެން ހަމަ ވަރަށް އުފާކުރާ ކަމެއް އެއީ. އެހެންވީމާ ހަމަ މި ތަފާތުކުރުން އެބަޖެހޭ ނިމުމަކަށް ގެނެސްފައި ރައީސުލްޖުމްހޫރިއްޔާ ހަމަހަމަކަން ގާއިމްކޮށްދެއްވަން. 
ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން

ހަމައެއާއެކު، ސޯޝަލް ހައުސިންގގެ ކަންކަން ކުރިއަށް ގެންދާއިރު، ޓެކްނިކަލީ ރަނގަޅަށް ދިރާސާކޮށް، ވަކި އުސޫލެއްގެ ތެރެއިން ކަންކަން ނިންމުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކަމެއް ކުރަން ބޭނުންވާއިރަށް، ކުއްލިއަކަށް އުސޫލުތައް ހަދައި ތަންފީޒު ނުކުރެވޭނެ ކަމަށް ނޫރައްދީން ވިދާޅުވި އެވެ. 

ގެދޮރުވެރިޔާ ހައުސިންގް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔަށް ބަލާއިރު، ދެ ކޮޓަރީގެ ފްލެޓަށް ޖުމްލަ ދައްކަން ޖެހެނީ 8000 ރުފިޔާ އެވެ. އަދި 3 ކޮޓަރީގެ ފްލެޓަށް ދައްކަން ޖެހެނީ ޖުމްލަ 10500 ރުފިޔާ އެވެ. މީގެ އިތުރުން ހިޔާ ފްލެޓުތަކަށް ކުއްޔަށް ދައްކަން ޖެހެނީ ޖުމްލަ 4,984.21 ރުފިޔާ އެވެ. ކުލީ ބޮޑު ފަރަގެއް އުޅޭ ކަމަށް އާއްމު ރައްޔިތުން ބުނާއިރު، ހިޔާ ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޭ މައްސަލަ ބޮޑެވެ. އަދި ސޯޝަލް ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ފުލެޓުތަކަށް 50 ޕަސެންޓު މީހުން އެޗްޑީސީއަށް ކުލި ނުދައްކާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިމަހުގެ ތެރޭގައި ވެސް ވިދާޅުވެފައިވެ އެވެ.