ހުޅުމާލެ ބެލެހެއްޓުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ އާޒިމް ވިދާޅުވީ، ހުޅުމާލެއަކީ މާލެ ސަރަހައްދުގެ އަވަށެެއް ނަމަވެސް ހުޅުމާލެ ބެލެހެއްޓުން މާލެ ސިޓީ ކައުންސިލާއި ހަވާލުނުކޮށް އެހާ ބޮޑަށް ގަޑުބަޑުކޮށްލާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށެވެ. 

އާޒިމް ވަނީ ފްލެޓްތަކާއި މަގުތައް އެޗްޑީސީއަަށް ނުބެލެހެއްޓޭ ކަމަށް ވިދާޅުވެފަ އެވެ. 

މިއަދު އެންމެންނަށް އެނގޭނެ މިހިރަ ފްލެޓްތަކުގެ ކުނި މެނޭޖުނުކުރެވޭކަން. އެންމެންނަށް އެނގޭނެ މިހިރަ ފްލެޓްތައް ލިފްޓެއް ހަލާކު ވެއްޖެޔާ ރަނގަޅު ނުކުރެވޭކަން. އެންމެންނަށް އެނގޭނެ މިތަނުގައި މަގުތަކާއި އެއްޗެހި މިހުރި ގޮތް. އެންމެންނަށް އެނގޭނެ މިހިރަ ޕަބްލިކް ސްޕޭސްތަކުގައި މިހުރި ކުނިބުނި ގިނަވެ ހަޑިވެފައި އޮތް މަންޒަރު އެންމެންނަށް ފެންނާނެ 
އާދަމް އާޒިމް 

ދައުލަތް ހިންގަންވާނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށާއި، ގާނޫނުގައި މާލެ ސިޓީއަކީ ކޮބައިކަން ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، ރައީސް މުއިއްޒު ހުޅުމާލެ މާލެ ސިޓީ ކައުންސިލްއާ ހަވާލުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް ހަވާލު ނުކުރާ ކަމަށެވެ. 

އާޒިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ގްރޭޓަރ މާލެ ސަރަހައްދުގައިވާ ތަންތަނަކީ މާލެ ސިޓީ ކައުންސިލްގެ ދަށުގައިވާ ތަނަކަށް ހަދާނެ ކަމަށެވެ.