ފ. ނިލަންދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމުގެ ސަބަބުން، އެ ރަށުގެ މަގުތަކުން ނަޖިސް ބޭރުކުރުމަށް ކޮންމެ ދުވަހަކު ބައުޒަރު ބޭނުންކުރަން ޖެހި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނިލަންދޫ ކައުންސިލްގެ މެންބަރު އަހުމަދު ޝަފީގު ވިދާޅުވީ، ރަށުގެ މަގުމަތީގައި ހުންނަ ޖަންކްޝަންތަކުން ފުރިގެން ބޭރުވާ ނަޖިސް ނެގުމުގެ މަސައްކަތް 24 ގަޑިއިރު ހުއްޓުމެއް ނެތި ކުރަން ޖެހިފައިވާ ކަމަށެވެ.
މޫސުން ގޯސްވެ ވިއްސާރަވާ ދުވަސްވަރު ދުވާލެއްގެ މައްޗަށް 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ބައުޒަރު ފުރައިގެން ނަޖިސް އުކަން ޖެހޭ ކަމަށާއި، މިކަމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަން އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މި ހާލަތުގައި ވެސް ރައްޔިތުންނަށް ދިމާވާ ތަކުލީފު ކުޑަކުރުމަށްޓަކައި ހުއްޓުމެއް ނެތި ބުރަ މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މަސައްކަތް ޝަފީގު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އެރަށުގައި ގާއިމުކުރަމުންދާ ޕަންޕް ސްޓޭޝަންއާ ގުޅޭގޮތުން ޝަފީގު ވިދާޅުވީ، އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މަޝްރޫއެއް ކަމަށެވެ. ނަމަވެސް، މަޝްރޫއުގެ މުއްދަތު ހަމަވާން ގާތްގަނޑަކަށް 100 އެއްހާ ދުވަހަށް ވެފައި އޮއްވައި، ކައުންސިލް އިންތިޚާބާ ދިމާކޮށް ފެށި މި މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ޕަންޕް ސްޓޭޝަންގެ ގޮތުގައި 5 ތަނެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ޝަފީގު ވިދާޅުވީ، މިއަދާ ހަމައަށް އައިއިރު އެއިން އެއްވެސް ތަނެއްގެ މަސައްކަތް އެއްކޮށް ނިމިފައި ނުވާ ކަމަށެވެ. އަދި މަސައްކަތް އެއްކޮށް ހުއްޓިފައި ނެތް ނަމަވެސް، މަސައްކަތުގެ ދުވެލި މާބޮޑަށް ދަށްވުމުގެ ސަބަބުން ނިލަންދޫ ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކަށް އަވަސް ހައްލެއް ނުލިބި ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށް ޝަފީގު ވިދާޅުވި އެވެ.