ރައްޔިތުންގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކާއި ބިންތައް އެކި ފަރާތްތަކަށް ދޫކޮށް ނުވަތަ ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފުސީލު ދިވެހި ރައްޔިތުންނަށް ފެންނާނެހެން ހާމަކުރަންޖެހޭ ކަމަށާއި، އެއްބަސްވުން ހާމަނުކުރާ ނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖެއްގައި ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ބޮންޑާ ވިދާޅުވީ، ރައްޔިތުންގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކާއި ބިންތައް އެކި ފަރާތްތަކަށް ދޫކޮށް ނުވަތަ ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފުސީލު ދިވެހި ރައްޔިތުންނަށް ފެންނާނެހެން ހާމަކުރަންޖެހޭ ކަމަށެވެ. 

ބޮންޑާ ވިދާޅުވީ، ދައުލަތުގެ ނަމުގައި ސޮއިކުރާ އެއްބަސްވުންތަކަކީ ދިވެހި ރައްޔިތުންގެ ހައްގުތަކާ ސީދާ ގުޅިފައިވާ ކަންކަން ކަމަށާއި، އެފަދަ މުއާމަލާތްތަކުން ގައުމަށް ލިބެނީ ފައިދާއެއްތޯ ނުވަތަ ގެއްލުމެއްތޯ ކަށަވަރުކުރުމުގެ ހައްގު ގައުމުގެ އަސްލު ވެރިން ކަމަށްވާ ރައްޔިތުންނަށް އޮންނަންޖެހޭ ކަމަށެވެ. 

މީގެއިތުރުން ބޮންޑާ ވިދާޅުވީ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު އަސާސަކީ ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުންގެ ބިމާއި މުދަލާ ގުޅޭ އެއްބަސްވުންތައް ސިއްރުކޮށްފައި ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން 99 އަހަރަށް ބިން ދޫކުރުމާއި މާލޭގެ ތިންގުނަ ބޮޑު ސަރަހައްދެއް ކަމަށްވާ 500 ހެކްޓަރުގެ ބިން ދޫކުރުމާ ގުޅޭ މުއާމަލާތްތަކުން ދައުލަތަށް ލިބުނު ފައިސާގެ ތަފުސީލު ވެސް ސާފުވާންޖެހޭ ކަމަށް ބޮންޑާ ވިދާޅުވި އެވެ.

ރައްޔިތުން މި ގައުމުގެ ވެރިންނަކީ. މި ގައުމުގެ ވެރިންނަކަށް އެ އެއްބަސްވުމެއް ލިޔުމެއް ނުދައްކާ. މިހާރު ހަމައެކަނި މުއިއްޒަކީ ސޭޓު ކަމަށް ބަލާ. ފިހާރަ އެއްކޮށް ވިއްކާލީ. އެކަމަކު މި ގައުމުގެ ވެރިންނަކަށް ނޭނގެ. ދެން މި ގައުމުގެ މިހާރު ދިރިތިބި މި ވެރިންނޭ މި ކިޔާ އަޅުގަނޑުމެން ރައްޔިތުންގެ ޒިންމާއެއް އަންނަން އޮތް ޖީލުގައި އެ މީހުންގެ ދަރިންނާ ދަރިންގެ މުސްތަގުބަލު ސަލާމަތްކޮށްދިނުން. މިހާރު ދިރިތިބި ހުރިހާ އެންމެންގެ ޒިންމާއެއް. އެ ދިރިތިބި ހުރިހާ ރައްޔިތުން އެބަޖެހޭ މުއިއްޒު ކައިރީ ސުވާލުކުރަން. ކޮންތާކުތޯ ތި ލިޔުމެއް އޮތީ؟ ތި ރަޖިސްޓްރީ ނުވަތަ އެއްބަސްވުމެއް ދައްކާށޭ. މިހާރު މިހާރު މި އެއްބަސްވުން ހާމަނުކުރާ ކަމަށް ވަންޏާ އެއީ ވައްކަމެއް. އެ އުޅެނީ ކޮށްގެން ސިއްރު ކަމެއް އެ އުޅެނީ
އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ، އެއްބަސްވުމެއް ބާތިލުކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް ދައުލަތުން ބަދަލު ދައްކަންޖެހޭނެ މިންވަރު ސާފުވާންޖެހޭ ކަމަށެވެ. އަދި ބާޒާރުގެ އަގުތަކަށް ބަލާއިރު ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަންކަން ހާމަނުކޮށް ސިއްރުކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.