ދ. މީދޫގައި ތަރައްގީކުރި ވޮލީ ކޯޓުގެ މަސައްކަތް އަވަސްއަރުވާލައިގެން ނިންމުމުގެ ސަބަބުން، ވާރޭ ވެހޭ ވަގުތުތަކުގައި ފެންބޮޑުވެ އެތަން ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، މީދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ ލޯކަލް އިންތިޚާބާ ދިމާކޮށް އެ ރަށުގައި އޭރު ތިބި އާރްޑީސީގެ މުވައްޒަފުން ބޭނުންކޮށްގެން ސަރުކާރުން ހިންގި މަޝްރޫއެއް ކަމަށެވެ. އަދި މި މަސައްކަތް ރެޔާއި ދުވާލު ކުރުވައިގެން އަވަހަށް ނިންމާލަން މަސައްކަތް ކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެ ރަށަށް ވަޑައިގަންނަވާތީ އެކަމަނާ ލައްވައި އެތަން ހުޅުވައި، އިންތިޚާބުގެ ނާޖާއިޒު ފައިދާ ނެގުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، ވޮލީ ކޯޓުގައި ކާޕެޓް އެޅުމަށް ހެދި ބެޑް ރަށުގެ ފަސްގަނޑަށްވުރެ ތިރިކޮށް ހެދުމުން ވާރޭ ވެހޭ ދުވަސްވަރު ފެން ޖަމާވާނެ ކަމަށް ބުނެ، ރަށުގެ ފަންނީ އެތައް ބަޔަކު އޭރުވެސް ދިޔައީ ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. ނަމަވެސް މަސައްކަތް ކުރި ފަރާތްތަކުން އެ އިރުޝާދުތަކަށް އެއްވެސް ވަރަކަށް ބަލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ފަންނީ މީހުން އޭރު ދިން ލަފައަށް ނުބަލައި މަސައްކަތް ނިންމުމުގެ ނަތީޖާއަކަށް ވީ، މިހާރު ވާރޭ ވެހޭ ކޮންމެ ފަހަރަކު އެ ސަރަހައްދުގައި ފެންބޮޑުވެ، މުޅި ތަން ހަލާކުވެ ބޭނުންނުކުރެވޭ ގޮތް ވުން ކަމަށެވެ. އަދި މާގިނަ ދުވަހެއް މިކޯޓު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެދާނެކަމުގެ ބިރު އެބައޮތް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

 މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، 12 ފެބްރުއަރީ 2026 ގަ އެވެ.