"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް ބުރާސްފަތި ދުވަހު އުފައްދަވައި، އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.

"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ތަކުގެ ގޮތުގައި ހއ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް ކޮންމެ އަތޮޅެއްގައި ވަކިވަކި މަރުކަޒުތަކެއް ވަނީ އުފައްދަވާފަ އެވެ. އެގޮތުން، ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ އަދި ގދ އަތޮޅުގެ އަތޮޅު މަރުކަޒު ހިމެނެ އެވެ.  

ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 65ވަނަ މާއްދާގެ (ށ) ގެ 1ގައިވާ ގޮތުގެ މަތިން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

މި މަރުކަޒުތައް އުފައްދަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވައިފައިވާ ގޮތުގެ ލިސްޓު ވެސް ހިމަނުއްވާފައިވެ އެވެ.