2646 ވަރަކަށް ޕާސްޕޯޓު ހެދުމުގެ ރިކުއެސްޓްތައް ބެކްލޮގްގައި އެބަހުރި ކަމަށާއި، ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެނެވޭނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖެއަށް ޕާސްޕޯޓް ސަޕްލައި ކުރާ ކުންފުނީގެ ޕްރިންޓް ހައުސްއަށް ޖެހުނު މައްސަލައެއްގައި ޕްރިންޓިންގގެ މައްސަލަތަކެއް އުޅޭ ކަމަށާއި ޕާސްޕޯޓު ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށް މިއަހަރު ކުރީކޮޅު މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައުލޫމާތު ލިބުނު ނަމަވެސް، އެކުންފުނިން ޔަގީންކަން ދެމުން ގެންދިޔުމުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް ކުރިން އަޅާފައި ނުވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. ނަމަވެސް 27 އޮގަސްޓްއާ ހަމައަށް އައިރު ޕާސްޕޯޓް ލިބުމުގައި ދަތިތަކެއް އުޅޭނެކަން ކަށަވަރުވެފައިވާތީ އަތުގައި ހުރި ސްޓޮކްތައް މެނޭޖުކުރުމަށްޓަކައި، ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެހިނދުން ފެށިގެން ވެސް ދިވެހިރާއްޖެއިން ކިޔަވަން ވަޑައިގަންނަވާ ކިޔަވާ ކުދިންނާއި އަދި ބޭސްފަރުވާއަށް ވަޑައިގަންނަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އިސްކަން ދީގެން ހަމައެއާއެކު، ކޮންމެހެން ޓްރެވަލް ޑޭޓްސްތައް ވަރަށް ކައިރިވެފައި ހުރި ފަރާތްތަކަށް އިޝޫ ކުރަން ޖެހޭ ޕާސްޕޯޓުތައް އަޅުގަނޑުމެން އައީ ކޮންޓްރޯލް މެކޭނިޒަމްގެ ތެރެއިން އިޝޫކުރަމުން
އަލީ އިހުސާން

އިހުސާން ވިދާޅުވީ ޕާސްޕޯޓް ސަޕްލައި ކުރާ ކުންފުންޏަށް ދިމާވި މައްސަލަ ހައްލުކުރެވި މިހަފްތާ ބަންދުގައި ޕާސްޕޯޓްތައް އަންނާނެ ކަމަށެވެ. އަދި އެއަށްފަހު ޕާސްޕޯޓް ދޫކުރުން އާންމު ހާލަތަށް އާދިއްތަ ދުވަހުން ފެށިގެން ގެނެވޭނެ ކަމަށެވެ. 

އެގޮތުން މިވަގުތު ބެކްލޮގްގައި 2646 ވަރަކަށް ޕާސްޕޯޓް ހެދުމުގެ ރިކުއެސްޓްތައް އެބަހުރި ކަމަށާއި، މި ބެކްލޮގް އެއްކޮށް ކްލިއަރ ކުރުމަށް 5 ވަރަކަށް ދުވަސް ނަގާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. 

އިހުސާން ފާހަގަކުރެއްވި ގޮތުގައި ޕާސްޕޯޓު ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުންޏަކީ ވޭތުވެދިޔަ 11 އަހަރު ދުވަހު ވެސް އެއްވެސް މައްސަލައެއް ނުޖެހި މި ހިދުމަތް ދެމުން އައި ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނީގެ ޕްރިންޓިންގ މެޝިންތަކަށް ޖެހުނު މައްސަލައަކާއި ގުޅިގެން ޕާސްޕޯޓް ލިބުން ދަތިވެ އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް އައު ބުކްލެޓެއް ދޫނުކޮށް، އޭގެ ބަދަލުގައި އެ ފަރާތްތަކުން މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް  28 އޮގަސްޓްގައި ނިންމާފަ އެވެ.

ނަމަވެސް އެކަން ކުރުމުގައި ދަތިތަކެއް ހުރުމުން މިހާރު އެގޮތަށް އެކަން ކުރަމުންނުދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.