ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަކީ، ދުރު މުސްތަގުބަލުގައި ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، ރާއްޖޭގެ ރަށްވެހިކަން ހޯދައި އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން ބުނެފި އެވެ. 

ޝެއިހް ނިޝާން މިފަދައިން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. އޭނާ ބުނީ ރަސްމާލެ ތަރައްގީ ކުރުމުގެ ގޮތުން ރަސްމާލޭގެ ހިއްކިބިމުން 500 ހެކްޓަރުގެ ބިން، ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ވިއްކާލުމާއި ގުޅޭގޮތުން ދިރާސާކޮށް ބެލިބެލުމުން، އެކަމުގައި އިންތިހާއަށް ކަންބޮޑުވާ އަދި ބިރުވެރިކަން ހުރި ކަންކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ. 

މިއީ ހަމައެކަނި ސިޔާސީ ގޮތުން ދެކޮޅުވެގެން ނުވަތަ އެއްކޮޅުވެގެން ވަކިގޮތެއް ނިންމަން ޖެހޭ ކަމަކަށްވުރެ ނުރައްކާތެރިކަން ބޮޑު މައްސަލައެއް ކަމަށާއި، މިކަމުގެ އާޚިރު ނަތީޖާ ގުޅިފައިވަނީ ރާއްޖޭގައި 900 އަހަރުވަންދެން ދަމަހައްޓަމުން އައި އިސްލާމްކަމާއި ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލް ދެމިއޮތުމާއި ގެއްލިދިއުމުގެ މައްޗަށް ކަމަށް ޝެއިހް ނިޝާން ބުންޏެވެ.

އޭނާ ބުނީ މިކަމަކީ މިރާއްޖޭގެ ބިމުން ބައެއް އަބަދުގެ އަބަދަށް، ނިމުމެއް ނުވާ 99 އަހަރަށް ކާފަރުންގެ އަތްމައްޗަށް އަރާ، ރާއްޖެއަށް ދުވަހަކު ވެސް އަނބުރާ ނުލިބޭގޮތަށް ގެއްލިގެން ދިއުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ. 

މިމަޝްރޫއު ހަވާލުކޮށްފައިވާ މުހައްމަދު އަލައްބާރު އާއި ޔަހޫދީ ޓެރަރިސްޓް ދައުލަތާއި އޮތް، އަޑިނޭނގޭ ގާތް ގުޅުމަކީ މިކަމާ މެދު އިންތިހާއަށް ކަންބޮޑުވާންޖެހޭ އަނެއް ސަބަބުކަން ފާހަގަކޮށް ޝެއިހް ނިޝާން ބުނީ، މިކަމުގެ އާޚިރު ނަތީޖާއަކަށް ޒަޔަނިސްޓް ޔަހޫދީންގެ އެތައް ބައެއްގެ އަތް މައްޗަށް މި ރާއްޖޭގެ ބައެއް ގޮސް، އެމީހުންގެ ލާއިންސާނީ ޖަރީމާތަކާއި އަނިޔާވެރިކަމުގެ ޝިކާރައަކަށް ރާއްޖެވުމަކީ ދުރުކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓެއްގެ ސަބަބުން މިހާރު މިމުޖްތަމައުގައި އާއްމުވެފައިނުވާ ވިޔާނުދާ ފާހިޝް އެތައް މުންކަރާތްތައް ފެތުރި އާންމުވެ މިފަސްގަނޑުގައި އެކަންކަން ކުރުމަށް މަގުފަހިވެގެން ދާނެކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

އަދި މިކަމަކީ ދުރު މުސްތަގުބަލަށް ބަލާއިރު ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، މިތަނުގެ ރަށްވެހިކަން ހޯދައި އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ ކަމެއް ކަމަށާއި، ރާއްޖެ އައިސް ވަޒަންވެރިވާ މުއްސަނދިންގެ ސަހަރުގެ ސަބަބުން، ދިވެހި މުސްލިމުން، ޚާއްސަކޮށް ރަސްމާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެން ހިނގައި ދާނޭ ކަމެއް ކަމަށް ޝެއިހް ނިޝާން ބުންޏެވެ. 

އޭނާ އިތުރަށް ބުނީ، ދުބާއީއަކީ ކިތަންމެ ތަރައްޤީވެ މުއްސަނދިވެފައިވާ ތަނެއް ކަމުގައި ވީނަމަވެސް، އެތަނަކީ ހުރިހާ ނުބައިކަމެއް އެތަނަކަށް ޖަމާވެފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން މި އިސްލާމީ ފަސްގަނޑުން ކިތަންމެ ކުޑަޔަސް ނުވަތަ ބޮޑަސް، އެއްވެސް ތަންކޮޅެއް ދެވަނަ ދުބާއީއަކަށް ވާން ނޭދެ ކަމަށެވެ.

މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް ބޭފުޅުން މިހެން މިކަންކަން ނުވާނެ ކަމަށް ބުނި، ޤާނޫނާއި ޤަވާއިދުތައް ހަދާނެ ކަމަށް ބުނި ނަމަވެސް، އެއީ ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށް ޝެއިހް ނިޝާން ބުންޏެވެ. އަދި އަދުގެ ސަރުކާރުގެ ބޭފުޅުންނަށް ކުރިއަށް އޮތް 10 އަހަރަށް ވެސް ވެރިކަމުގައި ތިބެވޭނެ ކަމެއް ނޭނގެ ކަމަށް ވެސް ޝެއިހް ނިޝާން ވަނީ ބުނެފަ އެވެ.