މީގެ 6 މަސް ދުވަސް ކުރިން ތަކެތީގެ އަގު ދިޔައީ ބޮޑުވަމުން ކަމަށާއި، އެހެން ނަމަވެސް އެއަށްފަހު މިހާރު ފެންނަ މަންޒަރަކީ ތަކެތި ހުސްވަމުންދާ މަންޒަރު ކަމަށް، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖޭގެ އާންމު ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މީގެ 6 މަސް ދުވަސް ކުރިން، ތަކެތީގެ އަގު ދިޔައީ ބޮޑުވަމުން ކަމަށާއި މިހާރު ފެންނަ މަންޒަރަކީ ތަކެތި ހުސްވަމުންދާ މަންޒަރު ކަމަށެވެ. 

މި ހުރިހާ ކަމެއް ވެސް ދިމާވަމުމުގެ އަސްލަކީ ޑޮލަރު ނުލިބުންކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ، މި ސަރުކާރުން ހުރިހާ ރަށެއްގައި ބަހައްޓަމުން ދިޔައީ އާދައިގެ އޭޓީއެމްތަކެއް ނޫން ކަމަށެވެ. 200 ނުވަތަ 300 މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ޑޮލަރު އޭޓީއެމްތައް އަޅަމުން ދިޔަ ކަމަށެވެ. އަދި އެކަން ކުރީ ތަރައްގީ އަންނަނީ ކަމަށް ބުނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

ސަރުކާރު އެއްކޮށް އެ ރަށަކަށް ގޮސް، 200 މީހުން 300 މީހުން އުޅޭ ރަށްރަށަށް ވެސް ގޮސް، މުޅި ސަރުކާރު އެއްކޮށް ގޮސް ތިބެ، އޭޓީއެމް ހުޅުވާ، ރިބަން ކަނޑައި، ރައީސް އެތަނުން ޑޮލަރު ނެންގެވި. އެކަމަކު އެއަށްފަހު އަހަރެއްހާ ދުވަސް އަދި ނުވޭ. މިހާރު މިއުޅެނީ އަމިއްލަ ބޭންކް އެކައުންޓްގައި ހުރި ޑޮލަރުކޮޅު ވެސް ނުނެގިގެން. މީގަ ހަދަން މިއުޅޭ ގޮތާއި ވާން މިއުޅޭ ގޮތާއި، ކުރާ ކަންތަކާއި، ވަމުންދާ ކަމާ ދިމާ ނުވޭ 
ހުސެއިން އަމްރު

މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ރާއްޖެއަކީ ހުރިހާ އެއްޗެެއް ވެސް އިމްޕޯޓް ކުރާ ގައުމެއް ކަމަށް އަމްރު ވިދާޅުވި އެވެ. އެގޮތުން ކާބޯތަކެތީގެ އިތުރުން މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ހުރިހާ ސާމާނު ވެސް ރާއްޖެ އަށް އިމްޕޯޓްކުރަން ޖެހޭކަން އަމްރު ފާހަގަކުރެއްވި އެވެ. އިމްޕޯޓް ކުރަން މި ބޭނުން ކުރަނީ ޑޮލަރު ކަމަށާއި އެ ޑޮލަރު ނުލިބި ތާށިވުމުން ތަކެތި އިމްޕޯޓް ނުކުރެވޭ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

އިމްޕޯޓް ނުކުރެވުނީމަ، ވަރަށް ގިނަ އެއްޗެހި އެބަ ހުސް ވޭ ފިހާރަތަކުން. މިހާރު ކޮންސްޓްރަކްޝަން މެޓީރިއަލް، ފިނިޝިންގ މެޓީރިއަލް ހަމަ އެއްގޮތަކަށް ނުގެނެވޭތާ ހައެއްކަ މަސްވެއްޖެ. ޓައިލްސް ކޮޅެއް ގަންނަން އަޅެ ދުއްވާލަބަލަ ހާޑްވެއަރ ތަކަށް. ނުލިބޭނެ. މީގެ ހައެއްކަ މަސް ކުރީގެ ސްޓޮކް އަދިވެސް ހުރީ. އެ ހުސްވެގެން ދިޔައިމަ ދެން ނެތް. ކާބޯތަކެތި ވެސް މަދުވަމުން މަދުވަމުން ގޮސް މިހާރު ހުސްވަނީ. ފުރަތަމަ އަގު ބޮޑު ވީ. އަޅުގަނޑުމެން މޮނިޓަރ ކުރާތާ 2 މަސް މި ވީ. އެއްޗެހީގެ އަގު އަރަމުން އަރަމުން ގޮސް މިހާރު އާދައިގެ ކިރު ޕެކެޓެއްގެ އަގު، މީގެ 6 މަސް ދުވަސް ކުރިން 25 ރުފިޔާ އަށް ލިބުނު 1 ލީޓަރުގެ ކިރު ޕެކެޓެއްގެ އަގު މިހާރު ވަނީ 38 ރުފިޔާ އަށް އަރާފައި
ހުސެއިން އަމްރު

އަމްރު ވިދާޅުވީ އެއްޗެހީގެ އަގު އިންތިހާ އަށް ބޮޑުވުމަށް ފަހު މިހާރު ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ. އެއީ ތަކެތި ހުސްވަމުންދާ މަންޒަރު ކަމަށާއި ފިހާރަތަކުން ތަކެތި މަދުވަމުންދާ މަންޒަރު ކަމަށެވެ. އަދި މިކަމަށް ހައްލެއް ނުގެނަސްފިނަމަ ރައްޔިތުންނަށް ވަރަށް ދަތި އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ވިދާޅުވެ އަމްރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.