ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން ބުނީ، އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ. ދެ މީހުންގެ ހާލަތު ވަރަށް ސީރިއަސްވެފައިވާއިރު، އެކަކުގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މީގެ އިތުރުން ދެން މިއެކްސިޑެންޓްގައި އަނިޔާވި 3 މީހުންނަށް ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އަދި އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ.
މިއެކްސިޑެންޓްގައި އަނިޔާވި 5 މީހުންނަށް ވެސް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. ހާލު ސިރިއަސްވުމާ ގުޅިގެން 5 މީހުން ވެސް އައިޖީއެމްއެޗަށް ބަދަލުކުރީ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 2:55 އެހައިކަންހާއިރު އެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެކްސިޑެންޓު ހިނގީ އެ 3 މީހުން ފުލުހުންގެ ކާރަކަށް ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ވަންވޭ ފަޅާލުމަށްފަހު ނުކުތް ގަޑީގައިކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓުކޮށްފައިވެ އެވެ.