ދ. މީދޫގައި އަޅައިދޭނެ ކަމަށް ސަރުކާރުން ބުނި މަސް ޖެޓީގެ އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަށް ކުރެވިފައި ނުވާތީ، އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، 4 އެޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރިއިރު، މީދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ އޭނާ ކަމަށެވެ. ނަމަވެސް އެ ނަތީޖާ ސަރުކާރަށް ގަބޫލުކުރަން ދަތިވެގެން، ހައިކޯޓަށް މައްސަލަ ހުށަހަޅައިގެން ބާތިލު ވޯޓެއް ސައްހަ ވޯޓަކަށް ބަދަލުކޮށް، ވޯޓު އެއްވަރުކޮށްގެން ދެވަނަ ބުރަކަށް ދިޔައީ ކަމަށް ޝާހިދު ތުހުމަތު ކުރެއްވި އެވެ.
ޝާހިދު ވިދާޅުވީ، 13 ޖޫން ގައި ބޭއްވި ދެވަނަ ބުރުގެ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އަދި ޚާއްސަކޮށް ޒުވާނުންގެ ވިސްނުމާ ކުޅުމުގެ ގޮތުން ސަރުކާރުން މީދޫގައި މަސް ޖެޓީއެއް އަޅައިދޭނެ ކަމަށް ބުނެ ވައުދުވެފައިވާ ކަމަށެވެ. މީދޫއަކީ މަސްވެރި ގިނަ ބަޔަކު ދިރިއުޅޭ ރަށަކަށް ވާތީ، އެ ވައުދާއެކު ޒުވާނުންގެ މެދުގައި ހިތްހަމަޖެހުން އުފެދި، އިންތިޚާބުގެ ވޯޓަށް ބަދަލުތަކެއް އައި ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް، އިންތިޚާބު ނިމި މަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް މަސް ޖެޓީ އެޅުމުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިއަދު އެ ރަށުގެ ރައްޔިތުންނާއި ޒުވާނުން ހޮޅުއަށިތަކުގައި އެއް އަޑަކުން ދައްކަމުންދަނީ އެ ވައުދު ނުފުއްދި އޮތް ވާހަކަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.